އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު މާދަމާ އިން ފެށިގެން އަގުހެޔޮ ކުރަން މިރޭ ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ މާދަމާ އިން ފެށިގެން ޕެޓްރޯލްގެ އަގުން 1ރ. ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ އެސްޓީއޯ އިން ބުނި ގޮތުގައި 10.13ރ. އަށެވެ.
މިއީ އެސްޓީއޯ އިން ޕެޓްރޯލްގެ އަގު މި އަހަރުގެ ތެރޭގައި ހެޔޮކުރާ ހަތަރު ވަނަ ފަހަރެވެ. އެކަމަކު، މިފަހަރު ޑީސަލްގެ އަގު ހެޔޮކޮށްފައެއް ނުވެ އެވެ. ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 11.97ރ. އަށެވެ.
އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މަހު އެވެ. އެ ފަހަރު، ޑީސަލް ލީޓަރަކުން 78 ލާރި ހެޔޮކޮށްފައިވާ އިރު ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ހެޔޮކޮށްފަ އެވެ.
އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.