ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންތަކެއް އަބްދުﷲ ލުތުފީ ސިފަކުރެއްވީ އުމުރުން 70 އަހަރުވެ، ގައިބާރު ދެރަވެފައިވާ މީހެއްގެ ގޮތުގަ އެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަޖިލީހުގައި އެ މެމްބަރުންގެ ވާހަކަ ހުރި ގޮތުން، ގޮޅީގައި އޮވެވޭރަށް ވުރެ ވެސް ލުތުފީގެ ބަލި ހާލު ބޮޑެވެ.
ގިނަ ބަޔަކު ހީކުރީ ނުވަ އަހަރު ފިލައިގެން އުޅުނު ލުތުފީ ފެންނަ އިރު ވެސް ހުންނާނީ މިފަދަ "ނިކަމެތި ގޮތަކަށް" ކަމަށެވެ.
އެކަމަކު ރޭ ލުތުފީ ފެނުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ. އޭނާއަށް ހަމްދަރުދީވެވަޑައިގެންނެވި މެމްބަރުން ސިފަކުރެއްވި ފަދަ ނިކަމެތި ކަމެއް އޭނާގެ ހަށިގަނޑަކުން ނުފެނެ އެވެ. އޭނާ ހުރީ 2010 ގައި ބޭސްފަރުވާ އަށް ފޮނުވާލި އިރަށް ވުރެ ވެސް މާ ފިޓްކޮށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ލުތުފީ ނުކުތީ ސްޓައިލްގަ އެވެ. ނޫ ކުލައިގެ ޖީންސަކާއި އަޅި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ލުތުފީގެ ބޮލުގައި ތޮއްޕެއް އޮތެވެ. އަވި އައިނު އޮތީ ދަތްދޮޅިއާ ދިމާލަށް ވައްޓާލައިފަ އެވެ.
ކޮނޑުގައި ދަބަހެއް އަޅުވައިގެން ހިނިތުންވެ ހުރެ ލުތުފީ އެރީ ފުލުހުންގެ ވެހިކަލަށެވެ.
އޭނާގެ ހަށިގަނޑު ކުރިއަށް ވުރެން ފިޓްކޮށް ފެނުމުން އެއީ ލުތުފީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މީގެ 31 އަހަރު ކުރިން 1988 ގައި އޭނާ ހައްޔަރުކުރި ފޮޓާތަކާއި ފަހުން 2010 ގައި ބޭސްފަރުވާ އަށް ފޮނުވި އިރު ފުލުހުން ނެގި ފޮޓޯތައް އަޅާބެލި އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެއަށް މަޝްހޫރު ކުށްވެރިޔާއަށް އަމާޒުކުރި މަލާމާތުގެ އެ ޓުވީޓްތަކުގައި ފިލައިގެން އުޅެ، ޖިމަށް ގޮސް ކަސްރަތު ކުރީތޯ ވެސް އެހި މީހުން މަދެއް ނޫނެވެ.
އެއާޕޯޓުން އޭނާ ފެނުމާ އެކު ވެސް އެއް ބަޔަކު ނުރުހުން ފާޅުކުރި އެވެ. އޮންނަން ޖެހެނީ ގޮޅީގައި ކަމަށް ދިމާލަށް ބުންޏެވެ.
ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ނެރުނު އިރު އަތުގައި ބިޑިއެއް ނެތެވެ. އެހެންވެ މިއީ "ރަސްމީ އިއްޒަތުގައި" ލުތުފީ މާލެ ގަނައުން ކަމަށް ސިފަކޮށް ވެސް އެއް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ލުތުފީ މާލެ އަރުވައި ފުރަތަމަ ގެންގޮސް ވެއްދީ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ދިވެހި ގައުމަށްޓަކައި މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށް، ނޮވެމްބަރު 3 ގައި ޝަހީދުވި ހުސެއިން އާދަމްގެ ހަނދާނުގައި އިމާރާތްކުރި ފުލުހުންގެ މައި މަރުކަޒަށެވެ.
މާލޭ ޖަލަށް އޭނާ ގެންދިޔައީ ފުލުހުން ފުރިހަމަކުރަން ޖެހޭ ރަސްމީ ކަންކަން ނިންމައިފަ އެވެ.
އެމްޑީޕީގެ ސަރުކާރުގައި ބޭސްފަރުވާ އަށް ފޮނުވާލުމުން ފިލައިގެން އުޅެފައި ލުތުފީ އަމިއްލަ އަށް އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭނާ އަތުލައިގަންނަން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ނާކާމިޔާބުވީ ނަމާއި ސިފަ ބަދަލުކޮށް ފިލައިގެން އުޅުމުންނެވެ.
ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އޭނާ ފިލައިގެން އުޅުނީ އެކި ފަހަރު އެކި ނަން ނަމުގަ އެވެ. އެއް ފަހަރު ޒާންގެ ނަމުގައި އުޅެނިކޮށް ވެސް ފަޅާއެރި އެވެ. އޭނާ ހުރި ތަން އެނގިގެން ހައްޔަރުކުރަން ފުލުހުން ދިޔަ ފަހަރުތަކުގައި ވެސް ފިލާފައި ވެ އެވެ.
ނޮވެމްބަރު 3، 1988 ގައި ބަޑިޖަހައި 19 ދިވެއްސެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލުމަށް ފަހު ވެސް ލުތުފީ އަވަސްވެގަތީ ފިލައިގެން ދާށެވެ. ހަމަލާ ނާކާމިޔާބު ވުމުން، ރާވާފައި އޮތް ގޮތަށް އޭނާ ގޮސް އެރީ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށެވެ. ޓެރިރިސްޓުން އަތުލައިގަންނަން އިންޑިއާގެ މަނަވަރުން ހަމަލާދޭން ފެށުމުން އެންމެ ފަހުން އަމާންދިނެވެ.
ޕްރޮގްރެސް ލައިޓްގައި ތިބި ރަހީނުންނާއި ޓެރަރިސްޓުން މޫދަށް ފުންމާލުމުން، އިންޑިއާ ސިފައިން ގޮސް އެ އެންމެން ނެގި އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ނޮވެމްބަރު 3 ގައި، ޕްލޮޓްގެ ހަނގުރާމަވެރިންނާ އެކު މާލޭގައި ލުތުފީ އުޅުނީ ވިގެއް ޖަހައިގެންނެވެ. އެކަމަކު އަތުލައިގަނެގެން މާލެ ގެނައި އިރު ފެނުނީ ބޮލުގެ މެދުން ފަތް ގޮސްފައި ހުއްޓަ އެވެ.
އޭރުގެ ބައެއް ސިފައިން ބުނާ ގޮތުގައި، ލުތުފީ އެ ދުވަހު އުޅުނީ ވިގެއް ޖަހައިގެން ކަން ނުވަތަ ނޫންކަން ކަށަވަރެއް ނޫނެވެ.
ނުވަ އަހަރު ވަންދެން ފިލައިގެން އުޅެފައި މިދިއަ މޭ 1 ގައި ލަންކާގެ އެމްބަސީ އަށް ލުތުފީ ދިޔައީ އެ ގައުމުގައި ދެން އެގޮތަށް ފިލައިގެން ނޫޅެވޭނެ ކަން އެނގި އިތުރު މަގެއް ނެތުމުންނެވެ. އޭނާ އަނެއްކާވެސް މިހާރު ހުރީ ޖަލުގަ އެވެ.
ފިލައިގެން ނުގޮސް ލުތުފީ ޖަލުގައި ހުރި ނަމަ، 2014 ގައި އޭނާ މިނިވަންވީހެވެ. މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަނީ 25 އަހަރެވެ.
ލުތުފީއާ އެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އެރި، އަނެއް ޚާއިނު، ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ މިނިވަންވެފަ އެވެ.
ލުތުފީ ރާއްޖެ ގެނައުމާ އެކު، ގައުމު ދެކެ ލޯބިވާ ދިވެހިން ގޮވަމުން އަންނަނީ މިހެންނެވެ؛
"ބާޣީ ލުތުފީ އަށް މާފެއް ނެތެވެ. އޭނާ އޮންނަން ޖެހޭނީ ގޮޅީގަ އެވެ. ސިފަ ބަދަލުކޮށް ފިލުމުގެ ފުރުސަތެއް ދެން ދީގެން ނުވާނެ އެވެ."