ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކަކާ ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެން ލީޑިން ޓީޗަރަކު ހައްޔަރުކޮށްފައި ވަނީ މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގެ ފިރިހެން އަދި އަންހެން ދަރިވަރުންނަށް އެކި ދުވަސްތަކުގެ މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެއީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ އެކަން ހިންގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ އިއްޔެ ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގެ އިތުރުން އެހެން މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ މިނިސްޓްރީންނެވެ. އަދި އެ ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގައި ފުލުހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.