ފިޒިއޮތެރަޕީގެ ޚިދުމަތަށް ވަރުގަދަ ސެޓަޕަކާ އެކު، މުޅިން އަލަށް 13 ފަރުވާއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ ފިޒިއޮތެރަޕިސްޓަކު ސިފަކުރެއްވި ގޮތުގައި އެވަރުގެ ސެޓަޕެއް މި ސަރަހައްދުގައި ވެސް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ.
އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލަށް ގިނަ ޚިދުމަތްތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ބަދަލުކޮށް، މުޅި އިމާރާތް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އެ ހޮސްޕިޓަލުގައި ފެށި ޚިދުމަތްތަކުގެ ތެރެއިން އާއްމުންނަށް އެންމެ ލުއި ފަސޭހަކަމާ އެކު ފަރުވާ ދެމުން އަންނަ އެއް ތަނަކީ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ.
ފިޒިއޮތެރަޕީ އަށް މުޅި އެއް ފްލޯ ޚާއްސަކޮށްފައިވާ އިރު، އެތަނުގައި އޯޕީޑީ ނުވަތަ ބަލި މީހުން ބެލުމަށް 12 ކޮޓަރި ހުރެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ބަލާލަން "މިހާރު"ގެ ނޫސްވެރިންނަށް މިދިޔަ ހަފުތާގައި ލިބުނު ފުރުސަތުގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓަށް ވަން އިރު، ޚިދުމަތް ހޯދަން ގިނަ ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ. އައިޖީއެމްއެޗުގައި ފިޒިއޮތަރަޕީ ހިންގި ޑިޕާޓްމެންޓަށް ވުރެން ޖާގަ ދެ ގުނަ ބޮޑުވެފައި ވަސީލަތްތައް ވެސް ގިނަ އެވެ.
ފަރުވާ އަށް ޖާގަ ތަނަވަސް ތިން ޖިމް ހުންނަ އިރު، އެންމެ ހިތްގައިމީ ޓްރެޑްމީލް ޓެސްޓް ހަދާ ތަނެވެ. ބިއްލޫރި ޖަހާފައިވާ އެ ޖިމުގައި ހުންނަ އިރު މާލޭ ހުޅަނގު ފަރާތު މޫދު ފެނެ އެވެ. ކުރިން އެންމެ މެޝިނެއް ހުއްޓަސް އެތަނަށް ތިން މެޝިން ވަނީ އިތުރުކޮށްފަ އެވެ.
އެންމެ ފާހަގަކޮށްލެވެނީ، އެކި ފަރުވާތަކަށް ޚާއްސަ ހައިޑްރޯ ތެރަޕީ ޕޫލެވެ. އެތަނުގައި ފަރުވާ ދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.
އެ ތަނުގެ ފަރުވާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ފިޒިއޮތެރަޕިސްޓް ތޯރިގް މަޖީދު ވިދާޅުވި ގޮތުގައި ފިޒިއޮތެރަޕީ އަށް މި ސަރަހައްދުގައި ވެސް އެވަރުގެ ސެޓަޕެއް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލަށް 13 ފަރުވާއެއް ފަށާ އިރު އޭގެ ތެރޭގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ވެސް ލިބެން ނެތް ފަރުވާ ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް، ހައިޑްރޯ ތެރަޕީ ޕޫލް އިންނާނީ މި ރީޖަންގައި ވެސް ވަރަށް މަދު ހޮސްޕިޓަލެއްގައި. މަސަލްސް ޓެސްޓިން، އެކްސަސައިޒް ޓެސްޓިން ކުރެވޭނެ، މި ރީޖަންގައި ވެސް މަދުވާނެ މި ފަރުވާ ލިބޭ ތަންތަން،" ފިޒިއޮތެރަޕީ ޖިމްގައި ހުރި ގޮނޑިއަކަށް އިޝާރާތް ކުރައްވައި ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑައިނަމޯމެޓްރީ އާއި ޕެބްލޯމެޓްރީ ފަދަ ޚިދުމަތް ވެސް ލިބޭނެ އެވެ.
"ކުރިން ދެމުން އައި ޚިދުމަތަށް ބަލާއިރު 80 ޕަސެންޓް އިތުރަށް މިހާރު ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ކުރިން ނަމަ ކުޑަކުދިން ވެސް ފިޒިއޮތެރަޕީ ހަދަން ޖެހެނީ ބޮޑެތި މީހުންނާ އެއް ތަނެއްގަ އެވެ. އެކަމަކު އާ އިމާރާތުގައި ކުޑަކުދިންނަށް ވަކި ޖިމެއް ޚާއްސަކޮށް، ސާމާނުތައް ވަނީ ބަހައްޓައިފަ އެވެ.
ކުޑަކުދިންނަށް އަލަށް ފެށި އެއް ޚިދުމަތަކީ އޫގަލް ތެރަޕީ އެވެ. ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ނުހިނގޭ ކުދިންނަށް ދޭ އެ ފަރުވާ ރާއްޖޭގައި މި ފެށީ އަލަށެވެ.
ހިއްޕޮތެރަޕީ އާއި ޕީޑިއޮތަރަޕިކް ކްލައިމްބިން އާއި ބެލެންސް ފަދަ ފަރުވާތައް ކުރިއަށް ގެންދަނީ ކުޑަކުދިންނަށް ޝައުގުވެރިވާ ގޮތަށް ބެލެނިވެރިންނާ އެކު ކްލާހެއްގެ ގޮތަށެވެ. ހަފުތާގެ ވަކި ޚާއްސަ ދުވަސްތަކެއްގައި އެ ފަރުވާތައް ވަނީ ތާވަލްކޮށްފަ އެވެ.
"މި ފަރުވާތައް ދޭ އިރު، ބަލިމީހާ އެކު ބެލެނިވެރިޔާއަށް ވެސް ދަސްކޮށްދެވޭތޯ އެބަ ބަލަން. ތެރަޕިސްޓް ކިޔައިދޭނެ ބެލެނިވެރިއާ އަށް ކުއްޖާ އެކު ގޭގައި ކަސްތަރުތައް ކުރާނެ ގޮތް. އެއީ ގޭގައި ވެސް ކުއްޖާ އެކު ގިނަ ވަގުތު ހޭދަކުރާނީ ބެލެނިވެރިން ކަމަށް ވާތީ،" ތޯރިގް ވިދާޅުވި އެވެ.
ހައިޑްރޯ ޕޫލްގައި ޚިދުމަތް ދޭން ޖެހޭ ވަރުގެ ބަލި މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. އެކަމަކު އެ ޚިދުމަތް އަދި ނުފަށަ އެވެ. ބައެއް ޚިދުމަތް ނުފެށި ލަސްވަނީ މުވައްޒަފުން މަދުކަމުންނެވެ. އެތަނުގައި މިހާރު ހިދުމަތް ދެނީ 17 ތެރަޕިސްޓުންނެވެ. އިތުރު މީހުން ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އައިޖީއެމްއެޗުގައި ދެމުން އައި ގިނަ ޚިދުމަތްތަކެއް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަށް ބަދަލު ކުރަމުންނެވެ. އޯޕީޑީގެ ޚިދުމަތް ފަށާފައިވާ އިރު ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ވެސް ވަރަށް އަވަހަށް ބަދަލުކުރާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2.2 ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާއާ ހަވާލުކޮށްގެން ހެދި އިމާރާތް ނިންމައި މިހާރު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. އެކަމަކު ރަނގަޅު ކުރަން ޖެހޭ ބައެއް މަސައްކަތްތައް އަދި އެބަ ކުރިއަށް ގެންދެ އެވެ.