ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް މަޑުޖެހުމަށް ފަހު، މިހާރު އަލުން ފަށާފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ނިންމަން ކުރިން ކަނޑައެޅި ތާރީޚުތަކަށް ނުނިމުނީ އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތުރުކީގެ ކުންފުންޏަށް ފައިސާ ލިބުން ލަސްވެގެންނެވެ. އެ މިސްކިތުގެ މަސައްކަތް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޑުޖެހުނެވެ.
މިސްކިތުގެ މަސައްކަތް އަލުން ފެށުމަށް ފަހު އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައި ވަނީ ޖުލައި މަހު މިސްކިތް ހުޅުވޭ ވަރު ވާނެ ކަމަށް ތުރުކީގެ ކުންފުނި އޭރު އެންގި ކަމަށެވެ. ނަމަވެސް ފައިސާ ލިބުން ލަސްވެއްޖެ ނަމަ އަނެއްކާ ވެސް މަސައްކަތް މަޑުޖެހުން އެކަށީގެންވާ ކަމަށް މިނިސްޓަރު އޭރު ވެސް ވިދާޅުވި އެވެ.
އޭގެ ފަހުން މިސްކިތުގެ މަސައްކަތް އަނެއްކާ ވެސް މަޑުޖެހި ޖުލައި މަހު ނުހުޅުވޭނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު މިއަދު ވިދާޅުވީ ފައިސާގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.
"މިހާރުގެ ޑެޑްލައިނަކީ ޖުލައި 31، އެ ތާރީޚަށް ނިމޭނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ހަ ބުރި އަށް ހަދާ އެ މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.