މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފި އެވެ.
ހަނދު ސާބިތުކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައި ވަނީ އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ހަނދު ފެނިފައިވާތީ އާއި ރާއްޖޭގައި މިހާތަނަށް ވެސް އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.
މާދަކާ އަކީ ފިތުރު އީދު ކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެ އެވެ. އެ ގައުމުން އެގޮތަށް ކަނޑައެޅީ ހަނދު ފެނިގެން ރިޕޯޓްކުރުމާ އެކުގަ އެވެ.
އިސްލާމީ ގިނަ ގައުމުތަކަށް މިރޭ ހަނދު ފެންނާނެ ކަމަށް، ފަލަކީ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ގިނަ ގައުމުތަކަށް މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމަށް ފަހު އެވެ. އެހެންކަމުން އުޑުމަތި ސާފު ނަމަ ހަނދު ފެނުމުގެ ފުރުސަތު އޮންނާނެ އެވެ.
އަބަދުވެސް ކަން ވަމުން އަންނަ ގޮތަށް ބަލާއިރު ހުރިހާ އިސްލާމީ ގައުމަކުން މާދަމާ އީދެއް ނުކުރެ އެވެ. އެގޮތުން ބައެއް ގައުމުތަކުން މިހާރު ވެސް ކަނޑައަޅާފައި ވަނީ ފިތުރު އީދަކީ ބުދަ ދުވަސް ކަމަށެވެ.
މި އަހަރުގެ އީދު ބަންދު މާދަމާ އިން ފެށިގެން އަންނަ ހޮނިހިރުދުވަހަށް ދެމިގެންދާނެ އެވެ. އެކަމަކު އީދު ޗުއްޓީއަށް މޫސުމީ ބުރުލެއް އަރާނެކަމުގެ ކުލަވަރު މިހާރު ވެސް ފެނެ އެވެ. މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ.
މާލެއަށް މިއަދު ހަވީރު ވަނީ ވިއްސާރަކުރަން ފަށައިފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މިދިއަ ދުވަސްތަކުގައި ވަރަށް ބޯކޮށް ވާރޭ ވެހުނެވެ.
އެކަމަކު ޗުއްޓީއަށް ގެސްޓްހައުސްތަކާއި ބައެއް ރިސޯޓްތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބުކިން ހަދައިފަ އެވެ. އެގޮތުން މާލެއާ ކައިރި ރަށްރަށުގެ ގެސްޓްހައުސްތައް އީދު ބަންދުގައި ފުރިފައިވާ ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.
މާދަމާ މާލޭގައި އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ. އެކަމަކު އަދި ދައްކާ ގޮތުން ވިއްސާރައިގެ އަސަރުތައް ކެނޑިގެންނެއް ނުދެ އެވެ.