ފިތުރު އީދަށް ރަށުން ބޭރަށް ދާނަމަ ވަގުންނަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެޑް އޮފް ނޮދަން ޑިވިޒަންސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އީދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މިހާރު މުޅި ރާއްޖޭގައި ފަށާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ގާއިމްވެފައި ނެތް ރަށްރަށުގައި ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އީދު ޝޯ ދިނުމަށް މިއުޒިކް ގްރޫޕުތައް އެކި ރަށްރަށަށް ދަތުރުކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އީދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދެ އެވެ.
"ކަނޑުމަތީގައި އަދި ދަތުރުކުރަން ހަމަޖެހިފައިވާ އުޅަނދުތަކަށް ފުލުހުން އަރާނެ އަދި ޗެކް ވެސް ކުރާނެ ގަވާއިދާ އެއްގޮތަށްތޯ ދަތުރުފަތުރުކުރުން ކުރިއަށް ގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެން ބަލާނަން އެ އުޅަނދަކަށް އެކަށީގެންވާ ވަރަކަށް މީހުން އަރުވައިގެންތޯ ދަނީ،" އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ޝަރީފް ވިދާޅުވި އެވެ.
"އާއްމު ރައްޔިތުން ވެސް މިކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ކުރުމަކީ އަޅުގަނޑުމެން އިލްތިމާސްކުރާ ކަމެއް."
އޭނާ ވިދާޅުވިގޮތުގައި ފާއިތުވި ތިން އަހަރު ރަށްރަށުން ހުށަހެޅި މައްސަލަތަކަށް ބަލާއިރު، ގިނައީ ވައްކަމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ.
ހެޑް އޮފް މާލެ ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ 2016 ވަނަ އަހަރު އީދު ދުވަހު މާލެއިން އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. ޖެހިގެން އައި އަހަރު ޓްރެފިކްގެ ގިނަ މައްސަލަތަކެއް ހުށަހެޅިއިރު މިދިޔަ އަހަރު ވެސް ފިތުރު އީދު ދުވަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އީދާ ގުޅުވައިގެން ވައްކަމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް ފިތުރު އީދާއި ފިތުރު އީދުގެ ބަންދުގައި މާލެ ސިޓީ އަށް ޒިޔާރަތްކުރާ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލެ ސިޓީ އޭރިޔާގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ޕެޓްރޯލްކުރުން ވަރުގަދަކޮށް އިތުރުކުރަން ރޭވިފައިވޭ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ހަތަރު ނެއިބަހުޑަކަށް ބަހާލުުމަށްފަހު ޕެޓްރޯލް ކުރަމުން ދިޔަ ގޮތަށް ބަދަލުތަކެއް ގެނެސް ސަރަހައްދުތައް ބަލާނެ ކަމަށެވެ.
ފުލުހުން ވަނީ އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ކޭޝް ކާޑު ގެންގުޅުމާއި ގެސްޓްހައުސްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ސައިކަލުތައް ރަނގަޅަށް ތަޅުލުމާއި ގެއިން ބޭރަށް ދާނަމަ ރަނގަޅަށް ތަޅުލުން ފަދަ ކަންތައްތައް ކުރުމަށް އިލްތިމާސްކޮށްފައި ވެ އެވެ.
މިފަހުން ހިނގި ވައްކަމުގެ ގިނަ މައްސަލަތަކަކީ ވެސް، ދުރާލައި ރާވައިގެން ހިންގި މައްސަލަތަކުގެ ބަދަލުގައި ފުރުސަތު ލިބިގެން ހިިންގި ވައްކަންތައް އޭނާ ފާހަގަކުރެއްވި އެވެ.
"ރާވައިގެން ހިންގާ ބޮޑެތި ވައްކަމަށް ވުރެ ބޮޑަށް އިތުރުވެެފައި ހުރީ މިފަދަ ފުރުސަތުތައް ހޯދައިގެން ނޫނީ ފުރުސަތުތައް ލިބިގެން ހިންގާފައި ހުރި ވައްކަންތައް،" މޫސަ ވިދާޅުވި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު ތަފާތު އެކި 468 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެ އަދަދު 2017 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު 385 އަށް މަދުވެފައިވާއިރު މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް ވަނީ 361 އަށް މަދުވެފަ އެވެ.