އެމެރިކާގެ ޖޯޖިއާގެ އެޓްލާންޓާގައި ހިންގާ މޯހައުސް ކޮލެޖުން މި އަހަރު ގްރެޖުއޭޓުވާ 400 ދަރިވަރަކު ކިޔަވަން ނެގި ލޯނު ދައްކައިދޭނެކަން، އެ ދަރިވަރުންގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވިވި ބިލިއަނަރަކު އިއުލާންކުރައްވައި އެންމެން ހައިރާންކޮށްލައިފި އެވެ.
މޯހައުސް ކޮލެޖްގެ ކޮމެންސްމަންޓް ހަފުލާގައި އޮނަރަރީ ޑިގްރީއެއް ވެސް އެރުވި މަހުޖަނަކީ އެފްރިކާ ދަރިކޮޅުގެ އެމެރިކާގެ މަހުޖަނު ރޮބަޓް އެފް ސުމިތެވެ. އޭނާގެ މިލްކިއްޔާތު 4.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
މޯހައުސް ކޮލެޖާ އަލަށް ގުޅުނު 400 ދަރިވަރެއްގެ ލޯނާ އޭނާ ހަވާލުވެ، އެ ދައްކައިދޭނެކަން އިއުލާނުކުރި އިރު، ލޯނުގެ ޖުމްލަ 40 މިލިއަން ޑޮލަރަށް އަރަ އެވެ.
"އަހަރެން ނިންމައިފިން އެ ހުރިހާ ދަރިވަރުން ކިޔަވަން ނެގި ލޯނު އަހަންނާއި އާއިލާގެ ހަރަދުގައި ދައްކައި ދޭން،" ކޯނެލް އާއި ކޮލަމްބިއާ ޔުނިވަސިޓީން ކިޔަވާ ވިދާޅުވި ސްމިތު ވިދާޅުވި އެވެ. "އަހަރެން އުންމީދުކުރަން މި ދަރިވަރުން ގްރެޖުއޭޓްވެ ނަމޫނާ ދައްކައި އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް."
ކުއްލި ގޮތަކަށް އޭނާ މި ދިން "ބޮޑު ހަދިޔާ" އާ އެކު ދަރިވަރުންނާއި އާއިލާތަކުގެ ޝުކުރި ސުމިތަށް އޮހެމުން އަންނަ އިރު އޭނާ ވަނީ ކޮލެޖަށް އެހީގެ ގޮތުގައި މި އަހަރު 1.5 މިލިއަން ޑޮލަރު ވެސް ހަދިޔާކޮށްފަ އެވެ.
"މިއީ މިހާތަނަށް މީހެއްގެ ފަރާތުން އަހަރެމެންނަށް ލިބުނު އެންމެ ބޮޑު އެހީ. އަދި މިއީ ބޮޑު ސަޕްރައިޒެއް ވެސް މެ،" މަޝްހޫރު ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި މާޓިން ލޫދާ ކިންގް ޖޫނިއާ އާއި ޑައިރެކްޓަރު ސްޕައިކް ލީ އަދި އެކްޓަރު ސެމުއެލް އެލް ޖެކްސަން ފަދަ މީސްމީހުން ގްރެޖްއޭޓްވި ކޮލެޖްގެ ތަރުޖަމާން މީޑިއާތަކަށް ވިދާޅުވި އެވެ.
ބިޒްނަސް ދާއިރާ އިން ކިޔަވާ އެލީޖާ ޑޯމިއަސް ބުނި ގޮތުގައި އޭނާއަކީ 90،000 ޑޮލަރުގެ ލޯނެއް ބޮލުގައި އަޅައިގެން ކިޔަވާ ދަރިވަރެކެވެ. އެކަމަކު މަހުޖަނަކު ކުއްލިއަކަށް ދިން ހަދިޔާއަކުން ލޯނުން އެއްކޮށް ސަލާމަތްވެ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ.
"އޭނާ އަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ. މިއީ އަހަރެން ކަހަލަ އެތައް ދަރިވަރެއްގެ ބޮލުމުގެ ރިހުމަށް ލިބުނު ފަރުވާއެއް،" އެލީޖާ ބުންޏެވެ.