މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖައްސަނީ އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުން ރަށެއްކަން "މިހާރު"އަށް އެނގިއްޖެ އެވެ.
ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގައި ވަނީ ނުވަ ރަށް ހިއްކައިފަ އެވެ. އޭގެ ތެރެއިން އެއް ރަށް، މާލޭ ރައްޔިތުންނަށް ދަތުރު ދާން ސަރުކާރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ހަވީރު އާޓް ގެލަރީގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ.
ކުރިން މާލޭގެ ރައްޔިތުން ދަތުރު ދާން އެންމެ އާންމުކޮށް ބޭނުންކުރި ކުޑަަ ބަނޑޮސް ވަނީ ރިސޯޓަކަށް ހަދައިފަ އެވެ. އަދި ފޭދޫފިނޮޅުގައި ވެސް މިހާރު ގެންދަނީ ރިސޯޓެއް ތަަރަައްގީކުރަަމުންނެވެ. އެހެންކަމުން ކުރިންސުރެ މާލޭ ރައްޔިތުން ދަތުރު ދިޔަ ރަށްރަށް މިހާރު އާންމު ބޭނުންތަކަށް ލިބޭކަށް ނެތެވެ.
އެނބޫދޫ ފަޅު ތަރައްގީކުރަނީ އިންޓަގްރޭޓެޑް ރިސޯޓުތަކެއްގެ ގޮތަގަ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ އަގު ބޮޑު މަޝްރޫއުގެ ފުރަތަމަ ރިސޯޓް ކަމަށް ވާ ކްރޮސްރޯޑްސްގެ މަސައްކަތް ނިންމައި، މި އަހަރު ހުޅުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ފޭދޫފިނޮޅު ކައިރީގައި އޮންނަ ފަޅެއް ހިއްކައިގެން، ދަތުރު ދާނެ ރަށްތަކެއް ތަރައްގީކުރާށެވެ. އެކަމަކު އެ ސަރުކާރު ބަދަލުވިއިރު އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އާ ސަރުކާރުން ނިންމީ އަލުން ފަޅެއް ހިއްކައިގެން އެފަދަ މަޝްރޫއެއް ނުހިންގުމަށެވެ. އެހެންކަމުން ސިންހާ އިން އެ ކުންފުނީގެ ރަށެއް ސަަރުކާރަށް ދިނުމަކީ ބޮޑު ނިންމުމެއް ކަމަށް ބެލެވެ އެވެ.