މާލޭގެ މަގުތަކުގައި ހުރި އާދައިގެ ބޮކިތައް ނަގައި ލެޑް ބޮކި ހަރުކުރަން ފަށައިފި އެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެހީއާ އެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަސައްކަތް އިފްތިތާހުކުރަން އިއްޒުއްދީން މަގުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދްރި އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ބައިވެރިވެ ވަޑައިގަތެވެ. މަސައްކަތް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ހުސެން އާއި ޑެޕިއުޓީ މޭޔަރު ޝަމާއު ވަނީ އިއްޒުއްދީން މަގުގައި ލެޑް ބޮތްކެއް ހަރުކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ހުސެން ވިދާޅުވީ މިއީ އެންމެ އެދެވޭ ގޮތަކަށް ހަކަތަ ބޭނުންކުރަން ރާއްޖެ އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ގޮތަށް ހަކަތަ ބޭނުންކުރުމަކީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އުފައްދާ ހަކަތައިން އެންމެ އެދެވޭ ގޮތަށް ފައިދާކުރާނެ ގޮތް ހެދުމަކީ އެ ކުރާ ހަރަދުގެ ގޮތުން ބަލާ ނަމަ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއަށް އިންޑިއާގެ ސަރުކާރުން ރާއްޖެއަށް 2،500 ލެޑް ލައިޓު ހަދިޔާކުރެ އެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހު ދެ ގައުމު ދެމެދުގައި ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
އަހަރުން އަހަރަށް މާލޭގައި ހަކަތަ ބޭނުންކުރާ މިންވަރު 9-11 ޕަސެންޓަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަދުން ހަކަތަ ބޭނުންކުރާ އާލާތްތައް ބޭނުންކުރުން މުހިއްމު ކަމަށެވެ. އަދި މިއަދު ހަރުކުރަން ފެށި ލެޑް ލައިޓުތަކުގެ ސަބަބުން ހަކަތަ އާއި އެ ހަކަތަ އުފައްދަން ބޭނުންވާ އެތައް ފައިސާއެއް ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި 2،500 ބައްތި ހަރުކޮށް، ކޮންމެ ދުވަހެއްގެ 12 ގަޑިއިރު ބޭނުން ކުރުމުން ދުވާލެއްގެ މައްޗަށް 480 ކަރަންޓު ޔުނިޓް ސަލާމަތް ކުރެވޭނެ. މިއީ ދުވާލަކަށް 40 ގެއަށް ބޭނުންވާ ކަރަންޓު. އަދި ހަކަތައަށް ބަލާނަމަ 685،000 ރުފިޔާ ސަލާމަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން ރާއްޖޭން މަސައްކަތްކުރާތީ އުފާ ކުރައްވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ މަޝްރޫއުތަކުގައި އިންޑިއާ އިން ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.