މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދާ ކަމަށާއި އެ މަޝްރޫއުގައި ފައިސާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ރޭގަނޑާއި ދުވާލު ހުއްޓުމެއް ނެތި، ބްރިޖް މަޝްރޫއު ކުރިއަށް އެބަދާ" ކަމަށެވެ. ދުވާލާއި ރޭގަނޑު މަސައްކަތް ކުރާ ކަން ދައްކަން ފޮޓޯތަކެއް ވެސް މިނިސްޓަރު ވަނީ ޓުވީޓް ކުރައްވައިފަ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ ބްރިޖް މަޝްރޫއުގައި މައްސަލައެއް ނޫޅޭ ކަމަށް ވިދާޅުވެ މިނިސްޓަރު ޓުވީޓެއް ކުރެއްވި ސަބަބެއް ނޭނގެ އެވެ.
އެކަމަކު ވަރަށް ބާރަށް ކުރިއަށް ދިޔަ ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މަސައްކަތް މަޑުޖެހުނު ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ، ބްރިޖްގެ ތަނބުތައް ޖަހަން ހަވާލުކޮށްފައިވާ ޖަރުމަނުގެ ކުންފުންޏަށް ފައިސާ ދިނުމުގައި މައްސަލަތަކެއް ކުރިމަތިވުމެވެ. އަދި ބްރިޖް އެޅުމަށްޓަކައި ކުރި ސާވޭ އިން ދެއްކި ގޮތާ ހިލާފަށް ބައެއް ކަންކަން ކުރިމަތިވެފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.
،ބްރިޖް މަޝްރޫއުގައި އުޅުއްވާ ބައެއް ބޭފުޅުން ވެސް މި ވާހަކަ ވަނީ ދޮގުކުރައްވައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ބްރިޖްގެ ތަނބުތައް ފެނުން މައްޗަށް ފެންނަން ފަށާނެ އެވެ. އެކަމަކު ތަނބުތައް ޖަހާ ސްޕީޑަށް ބަލާއިރު ޝެޑިއުލާ އެއްގޮތަށް އެ މަންޒަރު ފެނިދާނެތޯ ބައެއް މީހުން މިހާރު ސުވާލު އުފައްދަ އެވެ.
ކަނޑު އަޑިއަށް ބޮޑެތި ހޮޅިތައް ޖެހުމަކީ ބްރިޖް މަޝްރޫއުގައި އެންމެ އުނދަގޫ އެއް މަސައްކަތެވެ. އެ މަސައްކަތަށް މޫސުމީ ގޮންޖެހުންތަކެއް ކުރިމަތިވިއިރު ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ހުޅުލޭ ކޮޅުގައި ކުރިއަށްގެންދިޔަހާ ހަލުވި ސްޕީޑުގައި މާލޭކޮޅުގައި ތަނބުތައް ޖަހާ ތަނެއް ނުފެނެ އެވެ.
ބްރިޖްގައި ޖުމްލަ 35 ހޮޅި ޖަހާނެ އެވެ. އަދި ކޮންކްރީޓުން ހަދާ ރެއިންސްފޯސްމަންޓް ހޮޅި ބިމު އަޑިއަށް 100 މީޓަރަށް ޖަހައި ކޮންކްރީޓް އަޅާނެ އެވެ. އޭގެ ފަހުން ދެން އޮންނާނީ ބްރިޖްގެ ޑިޒައިނުން ވީ އަކުރެއްހެން ފެންނަ ކެޕިން ހެދުމުގެ މަސައްކަތެވެ.ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.