ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިންގި ޕީޕީއެމްގެ އޮފީސް ހެދުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު "މިހާރު" އަށް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދުމަށް އެމްއައިޓީޑީސީގެ ބަޖެޓުން ޚަރަދުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބެލުމަށް ފަހު، އެމްއައިޓީޑީސީގެ ބޯޑު މެމްބަރަކާއި މުވައްޒަފަކު މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑު ވެސް ކޮށްފައިވާ ކަމަށެވެ.
"ލިޔެކިޔުންތަކުގައި ހުރީ މި އޮފީހުގެ [އެމްއައިޓީޑީސީ] މަރާމާތަށް ޚަރަދު ކުރި ކަމަށް. އެކަމަކު ޚަރަދު ކުރީ ޕާޓީއެއްގެ އޮފީސް ހެދުމަށް،" ރާއިދު ވިދާޅުވި އެވެ.
ހ. ހުރަފަ ގޭގައި ޕީޕީއެމްގެ އޮފީސް ހެދީ އެ ޕާޓީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ހިޔާލު ތަފާތުވުން އުފެދި ޕީޕީއެމް ޔާމީނަށް ދިނުމަށް ކޯޓުން ހުކުމް ކުރި ހިސާބުންނެވެ. އެ ގޭގައި އޮފީސް ހެދުމުގެ ކުރިން ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީހުގެ މަސައްކަތްތައް ކުރީ ދަރުބާރުގޭގަ އެވެ.
ޔާމީން ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ ބަޖެޓުން އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ބޮޑެތި އަދަދުތަކުން ހަރަދުކުރި ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭސްގެ ބަޖެޓުން ޚަރަދު ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމަކު، އެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް އެ ކުންފުނިން ކުރާ ތުހުމަތު މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވަނީ ދޮގުކުރައްވައިފަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ދެ އަހަރުން ނިމުނު މިސްކިތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ އިރު، މޯލްޑިވް ގޭހުން ކުރި އެއްވެސް ހަރަދެއް ނޯންނާނެ ކަމަށެވެ. ހުރިހާ ހޭދައެއް ކުރެއްވީ، ފަސްޓް ލޭޑީ ފާތުންގެ އަމިއްލަފުޅު ފައިސާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.