ށ. ފުނަދޫ އެއާޕޯޓްގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފި އެވެ.
އެމްޓީސީސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓުގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، ފުނަދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން ޓެސްޓް ފްލައިޓްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ފުނަދޫ އެއާޕޯޓްގެ ބިން ހިއްކާފައިވަނީ އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރުންނެވެ. އެއާޕޯޓުގެ މަޝްރޫއަށް ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މީގެ އިތުރުން ގދ. މާވަރުލު އެއާޕޯޓުގެ މަސައްކަތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަތީފު ވިދާޅުވި އެވެ. މިހާރު ތާރު އެޅުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.