މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުޅިން ވެސް އަންހެން ކްރޫންގެ މަތިންދާބޯޓެއްގައި އައްޑު އަށް ވަޑައިގެންފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއްގައި ރައީސް އައްޑު އަށް ވަޑައިގެންނެވިއިރު، އެ ދަތުރުގެ ކްރޫންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އަންހެން ކެޕްޓަން އައިމިނަތު އިބްތިޝާމާއި ފަސްޓް އޮފިސަރު ސަދާ ސޯލިހް އަދި ކެބިން ކްރޫންގެ ގޮތުގައި އައިޝަތު ޝިފާ އާއި ޖުވޭރިޔާ މުސްތަފާ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އައްޑު އަށް ވަޑައިގަތެވެ.
އެ ދަތުރުފުޅުގެ ތެރެއިން، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކްރޫންނާ އެކު ދަތުރުފުޅު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެ އެއާލައިންގެ އެހެން ދަތުރުތަކުގައި މިއަދު ފިރިހެނުން ވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ވީވީއައިޕީ ދަތުރުގައި ބައިވެރިވީ ހަމައެކަނި އަންހެން މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭރުގެ ބައެއް އެއާލައިންތަކުން މުޅިން އަންހެން ކްރޫންނާ އެކު ދަތުރުކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ސްރީ ލަންކަން އެއާލައިންސް އިން މުޅިން ވެސް އަންހެން ކްރޫންގެ މަތިންދާބޯޓެއް މިއަދު ވަނީ ބާއްވައިފަ އެވެ.