ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުން މިއަދު ފަސްކޮށްފި އެވެ.
ހައި ކޯޓުން ބުނީ އެ ކޯޓުގައި ތާވަލްކުރި އިސްތިއުނާފް ޝަރީއަތް ކެންސަލްކުރީ އިދާރީ ސަބަބުތަކާ ގުޅިގެން ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ހައި ކޯޓުން ނުދެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ތަހުގީގުގެ ބޭނުމަށް، ފްރީޒް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފްރީޒުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި އެކައުންޓްތަކެވެ.
ހައި ކޯޓުގައި އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނި ގޮތުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރީ އަންނަ މަހު އޮންނަ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. އެހެންކަމުން އެއީ ސިޔާސީ ބޭނުމެއް ހާސިލް ކުރަން އެޅި ފިޔަވަޅެއް ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.
ޔާމީނުގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އެ އެކައުންޓްތަކުގެ މައުލޫމާތާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ރިޕޯޓެއް ހުށަހަޅައިގެން ކަމަށްވެ އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު މިވަގުތު އެމަނިކުފާނު އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގަ އެވެ.