އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެކައުންޓަށް ވަދެފައިވާތީ އެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ބަޔާނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ރިޕޯޓު އޭސީސީން ނެރުނު އިރު މަހްލޫފްގެ އެކައުންޓަށް އޮތީ ހިޔާނާތުގެ ބައިވެރިވާ ބޮޑު ކުންފުނި އެސްއޯއެފުން 33،000 ޑޮލަރު (508،850ރ.) ޖަމާކޮށްފަ އެވެ. އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑުކޮށްފަ އެވެ.

ހިޔާނާތުގެ މައްސަލައިގައި ބަޔާން ދެއްވާފައި ވަނީ ކޮން ގޮތަކަށް ކަމެއް މަހްލޫފް ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ހިންގާ ތަހުގީގު އަވަސް ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އެ މައްސަލައިގައި ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ވަގަށް ނެގި އެސްއޯއެފް ކުންފުނިން އޭނާ އަށް ޑޮލަރު ޖަމާކޮށްދީފައި ވަނީ އެ ޑޮލަރަށްވާ ފައިސާ ދެއްކުމުން ކަމަށެވެ. އަދި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި އޭސީސީގެ ލަފާ ހޯދާފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. ނަމަވެސް އެސްއޯއެފުން ޑޮލަރު ގަތް ކަމަށް ބުނެ މަހްލޫފް އޭސީސީ އަށް މައުލޫމާތު ހިއްސާކޮށް ލަފާ އަހާފައި ވަނީ މި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޑޮލަރުގެ މުއާމަލާތް ހިންގާފައި ވަނީ 2014 ވަނަ އަހަރެވެ.

މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ ވަގު ފައިސާ ޖަމާކޮށްފަ އެވެ.

އޭގެ އިތުރުން ފެންކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް ވަނީ 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) ޖަމާކޮށްފަ އެވެ. މައުސޫމަށް ވެސް ގޭގައި މަޑުކުރުމަށް އަންގައިފަ އެވެ.