ސްކޫލު ހިންގަން ހުންނަ ވެރިއަކު ނުރަނގަޅު ނަމަ ސްކޫލުގެ ބަރަކާތް ކެނޑިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްކޫލުތަކުގެ ވެރިންނަށް އަމާޒުކޮށް ދަރުބާރުގޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ ބޭފުޅުން ކަމަށެވެ. އެކަން ދިރާސާތަކުން ވެސް ދައްކާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިރާސާތަކުން ދައްކާގޮތުގައި ކްލާހުގައި ކިޔަވައިދޭ ޓިޗަރު ފިޔަވައި ދަރިވަރުންގެ ތައުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލު ހިންގަން ހުރި އިސްވެރިއަކަށް. ގޭގެ އޮޅި ނުރަނގަޅު ވެއްޖެނަމަ އެ ގެއަކަށް ސުލްހަވެރިކަން ނާންނަ ފަދައިން ސްކޫލު ހިންގަން ހުރި ވެރިއަކު ނުރަނގަޅު ވެއްޖެ ނަމަ ސްކޫލުގެ ބަރަކާތް ކެނޑިގެންދާނެ،" ރާއްޖޭގެ އެކި ސްކޫލުތަކުގެ 250 އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތަކުގެ އިސްވެރިންނަކީ ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ގާއިމްކޮށް ދަމަހައްޓާ ފަރާތްކަމަށާއި މުއަމާލާތްތަކާ ގުޅުންތައް އެދެވޭ ގޮތެއްގައި ތަރުތީބުކުރުމަކީ އެންމެ މުހިްމު އެއް ކަންތައް ކަމަށް ވެސް ވިދާޅުވި އެވެ.
ސްކޫލުގެ އިސް މަގާމުގައި ތިބޭ ބޭފުޅުން ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި އަދުލް އިންސާފާއި ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކާއެކު މުއާމަލާތްކުރުމަކީ ރާއްޖެއަށް އެކި މޫސުމުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމެހުންނެވި ގޮތަށް ވަޒީފާ އަދާކުރުމަށް ބޭނުންކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ސްކޫލު ހިންގުމަކީ އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހޭ މަސައްކަތަކަށް ވިއަސް އެއީ ރަނގަޅަށް ކުރެވިއްޖެނަމަ ދެމެހުންނެވި ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ތައުލީމީ ނިޒާމަށް ބަދަލުގެނެވޭނީ ސްކޫލު ފެންވަރުގެ ގިނަ މީހުންގެ ތާއީދު ލިބިގެންކަމަށާއި ސްކޫލު ހިންގުން ލާމަރުކަޒީ ކުރުމުން ސްކޫލު ފެންވަރުގައި ނިންމާ ކަންތައް އެކަށޭނެ ގޮތަށް ތަންފީޒުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އެކަންތަކުގެ ސަބަބުން ސްކޫލުން ދޭ ތަރުބިއްޔަތާއި ހުނަރާއި ތައުލީމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ކޮންފަރެންސްގައި، ސްކޫލުތަކަށް ދިމާވާ މައްސަލަތަކާއި މުސްތަގުބަލުގައި ސްކޫލުތައް ހިންގާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.