އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދިވެހި މަސް ދޯންޏެއް އިންޑިއާ ކޯސްޓް ގާޑުން ހިފަހައްޓައި އެ ގައުމުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މަސް ދޯނި އިންޑިއާ ކަނޑުގެ ސިފައިން އަތުލައިގަތީ ރާއްޖޭގެ އުތުރުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ. އެ ދޯނި އަދިވެސް އޮތީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
ދޯނީގެ ނަމެއް، އަދި އޭގައި މީހުން ތިބި އަދަދެއް ވެސް އަދި ނޭނގެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ދޯނި ހިފަހައްޓައިފައި ވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓް ފަހަރު ވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެނެސްފައިވެ އެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު އާއްމުކޮށް މަސްވެރިކަން ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވެސް ވަރަށް ބޭރުންނެވެ.