ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތަކަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ވަނުމުގެ ސަބަބުން އާންމު ވިޔަފާރިތަކަށް ލޮޅުން އަރާފައިވާ ކަމަށެވެ.
"ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިތާވެ، ކޯފަރޭޓް ގަވާނަންސްގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަކަށް ބޭނުންވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަތް ނުފޯރާ ވަރަށް ހަރަދުތައް މައްޗަށް ގޮސް އިންތިހާއަށް ދަރަނި އިތުރުވެ މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި ހިދުމަތްތަކުގެ ފެންވަރު ދަށްވެފައިވާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ހެދުން ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު އަންނަނީ މި މަގްސަދު ހާސިލްކުރުމަށް ކުންފުނިތައް ރީސްޓްރަކްޗާ ކުރަމުންނެވެ.
ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަން އުފައްދާފަ އެވެ. އަދި އަންނަ މަހުން ފެށިގެން އެސްއެމްއީ ލޯނު ދޫކުރަން ފަށާނެކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވައިފަ އެވެ.