އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރެއްވި އަދި މިހާތަނަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަ ސޭލްސް، ރީޖަނަލްގެ މަގާމުގައި ހުންނެވި ހުސައިން ދީދީ އަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އޭނާ މިއަދު ވަޒީފާ އިން ވަކިކޮށްފި އެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސައިން ހުންނެވިއިރު، ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ މައްސަލަ ފޮނުވަން މިއަދު ނިންމައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުސައިން ވަޒީފާ އިން ވަކިކުރީ ކްރެޑިޓަށް ތެޔޮ ނުވިއްކަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާގެ ތެޔޮ، ޔާމީންގެ ސަރުކާރުގައި އެކި ކުންފުނިތަކަށް ވިއްކާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އެސްޓީއޯގެ ބޯޑުން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ހުސައިންގެ އިހުމާލު އޮތް ކަމަށެވެ.
އެފްއެސްއެމް އިން ކްރެޑިޓަށް ތެޔޮ ދޫކުރީ ކޮން ކުންފުނިތަކަކަށް ކަމެއް އަދި އެނގޭ ގޮތެއް ނުވެ އެވެ. ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އުސޫލުން ބޭރުން ކްރެޑިޓަށް ތެޔޮ ދޫކޮށްގެން ވިޔަފާރި ކުރި ކަމުގެ ތުހުމަތު ކޮށްފައިވެ އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުސައިން ހުންނެވީ ގދ. ތިނަދޫ އެސްޓީއޯ ފިހާރައިގެ މެނޭޖަރަކަށެވެ.