ނަސަންދުރައިގެ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި އެކަމާ ދޭތެރޭ ގޮތެއް ނިންމުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށެވެ. އެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން ޖެހޭނީ ޕޮލިސީ ލެވެލްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަސަންދުރަ މައްސަލައިގައި ޑިޒިޝަނެއް ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިހާރު 25 ބުރިއަށް ތަރައްގީ ކުރާ ނަސަންދުރަ ހުރި ބިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށެވެ. އަދި ލީސް އެގްރީމެންޓް ހެދިފައިވަނީ މިނިސްޓްރީގެ ބަހެއް ހޯދުމެއް ނެތި އެވެ. އަދި އެގްރީމެންޓްކޮށް ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލަ އެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އެ ބިމާ މެދު ގޮތެއް ނިންމަން އެދުނު ނަމަވެސް ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ މިހާރު ވެސް ކުރެވެމުންނެވެ.
ނަސަންދުރަ އަމިއްލަ ފަރާތަކަށް ދީގެން ތަރައްގީކުރަން ފެށީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެ މަގާމުގައި ހުންނެވި އިރު އެވެ.
އޮޑިޓަ ޖެނެރަލް އޭރު ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.