ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން ހިންގަން އުޅުނު ބޮޑު މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން ހުއްދަދިން މަޝްރޫއުގައި މަތީ ފެންވަރުގެ 350 އެޕާޓްމަންތްގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވަނީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓްތައް ނުހިންގާ ގޮތަށެވެ. އެގޮތުން ކޮރަލް ބްލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ރަސްފަންނު މިކްސްޑް ޔޫޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތާޖުއްދީން ސްކޫލް ފުރަގަހުގައި ހަދަން ނިންމި ހަތަރު ޓަވަރަކީ 25- 28 ބުރީގެ އިމާރާތްތަކެކެވެ. އޭގެ ތެރޭގައި 128 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެއް ވެސް ހިމެނެ އެވެ.
އެ ފްލެޓް އަޅަން ނިންމާފައި ވަނީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިޔަށް ގެންދަން އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް ފެށުމުގެ އިތުރުން އެޕާޓްމަންޓްތައް ވިއްކަން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ އިމާރާތުގެ ނަމޫނާއެއް އެސްޓީއޯ ހެޑް އޮފީހާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އޮންނަ ހުސް ބިމުގައި ވަނީ ބަހައްޓައިފަ އެވެ.
މަޝްރޫއުއާ ބެހޭ ގޮތުން މިހާރުގެ ސަރުކާރުން ނިންމި ނިންމުމާ ބެހޭ ގޮތުން ކުންފުނިން އެއްވެސް މައުލޫމާތެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އެކަމަކު ޗަންހުއާގެ އެއްވެސް އޮފިޝަލަކާ ގުޅޭ ގޮތެއް ނުވި އެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.