ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިރޭ ފުރާވަޑައިގެންފި އެވެ.
ޔޫއޭއީ އަށް ރައީސް ފުރާވަޑައިގެންނެވީ ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.
ރައީސްގެ ދަތުރުފުޅުގައި "ޒައިދު ސަސްޓެއިނިބިލިޓީ އެވޯޑްސް" އާއި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޔޫއޭއީއަށް ރައީސް މިރޭ ފުރާވަޑައިގެންނެވިއިރު އެ ގައުމަށް ދިއުމަށް ދިވެހިން ވިސާ ނަގަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ ކޮންމެ ޕާސްޕޯޓަކަށް ވެސް ޔޫއޭއީ އަށް 30 ދުވަހުގެ ވިސާ ފްރީވާނެ އެވެ.