މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖެންޑާގެ މިނިސްޓްރީގެ ތިން ވަނަ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ މ. ޖަވާހިރުވާދީ އިފްހާމް ހުސެއިން ކަަމަށެވެ. އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި އިފްހާމަކީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލަކަށް އައްޔަންކުރެއްވީ މ. ނިޔަދުރުމާގެ ހަދީޖާ ޝަބީނެވެ.
އިފްހާމަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން އާލީ ޗައިލްޑްހުޑުން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް، ދުބާއީގައި ދެމުން އަންނަ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ ޕްރިންސަސް ހަޔާ ފޯ ސްޕެޝަލް އެޑިއުކޭޝަންގެ އެވޯޑު 2015 ގައި ލިބިވަޑައިގަތެވެ. އަދި، 2016 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ޑިސެބިލިޓީ އެވޯޑް ވެސް ދީފައިވެ އެވެ. މީގެ އިތުރުން ރެހެންދި އެވޯޑު 2017 ގައި ލިބިވަޑައިގަތެވެ.
ހަދީޖާ އަކީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ މެލްބާން ޔުނިވާސިޓީން ގާނޫނީ ދާއިރާއިން އޮނާސް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގެ އިތުރުން އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެެވެ.