ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުވަ މިނިސްޓްރީއަކަށް ނުވަ ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. މިހާތަނަށް އެކި މިނިސްޓްރީތަކަށް 29 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައި ވެ އެވެ. އަދި ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައި ފަސް ބޭފުޅަކު ވެސް އެކި މަގާމުތަކުގައި ތިއްބަވަ އެވެ.
މަގާމުތަކަށް މިއަދު އައްޔަންކުރެއްވި ބޭފުޅުން:
- ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަސަން ޝުޖާއު (ޗާނދަނީ ޝުޖާއު)
- ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއިލް އަލި މަނިކު
- ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަލީ
- ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލީ ސޯލިހް
- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ރިޔާޒް
- ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަހުމަދު
- ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަހުމަދު ނަޝީދު
- ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަޝްހަދު އަލީ (އަޑުބަރޭ)
- ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް ފަޒްނާ ޝާކިރު
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.