މިދިޔަ ސެޕްމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސްތައް ނައްތައިލުމަކީ އެންމެން ގުޅިގެން ހިންގި ޖަރީމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ރާއްޖޭގައި ބާއްވާ އާއްމު އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންނަށް ޓިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިންތިހާބާ މެދުގައި އެ މަނިކުފާނުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ވޯޓް ކަރުދާހުގެ ސައްހަކަމާ މެދު އުފެއްދެވި ސުވާލު ކަަމަށެވެ. އަދި ވިދާޅުވީ ކަރުދާސްތައް ނައްތައިލީ އެކަން ތަހުގީގު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވަނިކޮށް ކަމަށެވެ.
"އެ ކަރުދާސްކޮޅުގެ ސައްހަކަން ކޮން ގޮތަކުންތޯ ދެން މިހާރު ހޯދާނީ؟ ގާނޫނުގައި އެކަމަކު ޖާގަ އެބަ ލިބޭ އެއްވެސް ކެންޑިޑޭޓަކު އެދިއްޖެ ނަމަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، ކުރިމަތިލީ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ފޮށިތައް ކަނޑައި ކަރުދާސްތައް ގުނައި މި ހުރިހާ ކަމެއް ކުރުމުގެ ހައްގު ލިބިގެންވޭ،" ޔާމީން ވިދާޅުވި އެވެ.
އިންތިޚާބުގެ ވޯޓު ކަރުދާހުގެ ސައްހަ ކަން ކަށަވަރު ކުރާނީ ދެން ކޮން ތާކުންތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ. އެ ސުވާލު ތަކުރާރު ކުރެއްވުމަށް ފަހު ވިދާޅުވީ ބާރު ހުރީމާ ކަންތައްތައް ކުރެވިދާނެ ކަމަށާއި ފެނިގެން މި ދަނީ ކަންތައްތައް އެކޮޅުމިކޮޅަށް ބަދަލުވަމުންދާ ތަން ކަމަށެެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮއްވައި، އެ މައްސަލަ ތަހުގީގު ކުރުމެއް ނެތި، ވޯޓު ކަރުދާސްތައް ނައްތައިލުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރި ގުދަން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާ އިރު، އެ މައްސަލަ ހުށަހަޅާފައި އޮއްްވައި އަވަސް އަރުވާލައިގެން ކަރުދާސްތައް ނައްތައިލުމުން އެ ކަމުގެ މަގްސަދާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ.
ވޯޓް ކަރުދާސްތައް ނައްތައިލުމަކީ ޖަރީމާއެއް ކަމަށް ސިފަކުރައްވައި، އެކަމުގައި ގުޅިގެން މަސައްކަތް ކުރި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރައްވާ މީހުންގެ ތެރޭގައި މިހާރުގެ ސަރުކާރުގެ އިތުރުން އަވަށްޓެރި ގައުމުތަކާއި ހުޅަނގުގެ ގައުމުތައް ވެސް ރޭގެ ވާހަކަފުޅުގައި ޝާމިލް ކުރެއްވި އެވެ.
ރިޔާސީ އިންތިހާބު ގެއްލިގެން ދިޔައިމާ އޮތް ހިތްދަތިކަން އެބަ އޮތް ކަމަށް ޔާމީން ރޭގައި ވެސް ވިދާޅުވި އެވެ. ދެން ވިދާޅުވީ އެ އަށް ވުރެ ބޮޑު ހިތްދަތިކަމަކީ ތުހުމަތު ކުރެވޭ ކަންތައްތައް ބެލެން ނެތުން ކަމަށެވެ.
"ރިޔާސީ އިންތިހާބެއް ނިމިގެން ދިޔައިމާ އަޅުގަނޑުގެ ހިތްދަތިކަން އަމިއްލަ ގޮތުން އަދި އަޅުގަނޑަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް އަދި މެމްބަރުންގެ ވެސް އެބަ އޮތް އިންތިހާބެއް ގެއްލުނީމާ އޮންނަ ހިތްދަތިކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.