ރާއްޖޭގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގެންނެވި، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު، ބޮޑެތި ގިނަ ކަންތައްތަކެއް ކުރަން އަޒުމް ކަނޑައަޅައި، އެކަން އެމަނިކުފާނު މިއަދު، ގަލޮޅު ދަނޑުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހާމަކުރައްވައިފި އެވެ. ރާއްޖޭގެ ހަތް ވަނަ ރައީސަށް ވެވަޑައިގަތުމަށް ފަހު ރައްޔިތުންނާ ކުރެއްވި ފުރަތަމަ ތަގުރީރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުން ތަރައްގީ ގެނެސް ދެއްވާނެ ކަމަށެވެ.
"ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާ އެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަން ޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނެ އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން،" ވަރުގަދަ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
100 ދުވަހުގެ ވައުދުތައް
- ކަރަންޓުގެ އަގު ހެޔޮކުރުން
- ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުން
- ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުން
- ޕެންޝަން ފަންޑުގައި ހުރި ފައިސާ ހައްޖުގެ އަޅުކަމަށް ބޭނުންކުރެވޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުގައި ބޭރު ފަރާތްތަކަށް މަސްވެރިކަންކުރުމުގެ ހުއްދަ ދިނުން ހުއްޓާލުން
- ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުން
- ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ލީޑަރަކަށް ރާއްޖެ ހެދުން
- ގްރީން ޓެކްސްގެ ފައިސާ ހަމައެކަނި ތިމާވެށި ހިމާޔަތް ކުރަން ބޭނުން ކުރުން
- ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެއް ފެށުން
- އެއާ އެމްބިއުލޭންސްގެ ހިދުމަތް މުޅި ރާއްޖެއަށް ފެށުން
- ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދަ އިން ވެސް ލިބޭ ގޮތް ހެދުން
- ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުން
މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރައްވަން ބޭއްވި އެންމެ ބޮޑު އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު ވިދާޅުވީ ދިވެހި ރައްޔިތުން އެމަނިކުފާން އިންތިޚާބުކުރި ސަބަބު އެއްވެސް ހިނދެއްގައި ހަނދާން ނައްތައި ނުލައްވާނެ ކަމަށެވެ.
"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ހިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެ ތެރެއިން އެއްވެސް ވައުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާާނުގެ ވާހަކަފުޅުގައި އާ ވެރިކަން ކުރިއަށް ގެންދަވާނެ ގޮތަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިންނަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، އަދުލު އިންސާފު ގާއިމް ކުރުމުން ކަމަށް ވިދާޅުވެ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮރަޕްޝަނާއި ފަސާދަ އަކީ، ދައުލަތުގެ މުއައްސަސާތަކުގައި "މޫލާފައިވާ ސަގާފަތެއް" ކަމަށް ސިފަކުރެއްވި އެވެ. އެ ސަގާފަތް ނައްތާލުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ އިދާރާތަކަކުން ކުރާ މަސައްކަތްތަކަކީ ދެ ފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ހަމައެކަަނި ހަރުދަނާކުރައްވާނީއެއް ނޫނެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭން ޖެހޭ އެންމެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް، ދެއްވި އެވެ.