އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން، އަންނަ މާޗް މަހުގެ ތެރޭގައި ބާއްވާ މަޖިލިސް އިންތިޚާބަށް ބަޖެޓު ކަނޑައެޅި ނަމަވެސް، މަޖިލިސް އިންތިޚާބަށް ހަރަދު ވާނީ ކިހާ އަދަދެއް ކަމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިޚާބަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. އެކަމަކު، އިންތިޚާބަށް ބަޖެޓު ކަނޑައެޅި މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނި އިރު، ރިޔާސީ އިންތިޚާބު ބޭއްވުމުގެ ޚަރަދަށް 85 މިލިއަން ރުފިޔާ ދާނެ ކަމަށް ލަފާކޮށް، މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ބަދަލުގައި، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެހެންކަމުން، މަޖިލިސް އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނިކޮށް، މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އާންމުން ފަށާފައި ވާއިރު، އެ އިންތިޚާބު ވެގެންދާނީ އާންމުންގެ މެދުގައި ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.