ރާއްޖެ އަކީ އަންހެނުންނަށް އަނިޔާކުރުން ގިނަ ގައުމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މަސައްކަތްތެރިންނަށް ޚާއްސަ ކޮށްގެން، ވަޒީފާ އާއި މަސައްކަތް ކުރާ މާހާއުލުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ބަންގްލަދޭޝްގައި ހުންނަ ފިލިޕިންސްގެ އެމްބަސީގެ ފަރާތުން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ 12 އަހަރު ކުރިން، 2006 ގައި ރާއްޖޭގައި ކޮށްފައިވާ ސާވޭ އަކާ ހަވާލާ ދެއްވައި ޒެނީޝާ ވިދާޅުވީ، ކޮންމެ ތިން އަންހެއްގެ ތެރެއިން އެކަކީ އެ މީހުންގެ ހަޔާތުގެ ކޮންމެވެސް އިރެއްގައި ޖިންސީ ގޯނާ ނުވަތަ ގެވެށި އަނިޔާ ތަހައްމަލް ކޮށްފައިވާ އަންހެނެއް ކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އަންހެނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ރާއްޖޭގައި ހުންނަ ފިލިޕީންސްގެ އެމްބަސީން މިފަދަ ހަރަކާތެއް، އެ ގައުމުގެ މަސައްކަތްތެރިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާތީ ޒެނީޝާ މަރުހަބާ ދެންނެވި އެވެ.
ޖެންޑާ މިނިސްޓްރީއާ ގުޅިގެން "ޖެންޑާ އެވެއާނަސް އެންޑް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ" (ގަޑް) ނަމުގައި ފިލިޕީންސް އެމްބަސީން ކުރިއަށް ގެންދިޔަ މި ސެމިނާގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުންނެވެ.
ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާގެ އިތުރުން ފިލިޕިންސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސެންޓޭ ވިވެންސިއޯ ބަންޑީލޯ އާއި ރާއްޖޭގައި ހުންނަވާ ފިލިޕީންސްގެ އޮނަރަރީ ކޮންސުލް އަބްދުﷲ ސާލިހް ވެސް ބައިވެރިވެވަޑައިގަތެވެ.
ފިލިޕީންސްގެ 100 އެއްހާ މަސައްކަތްތެރިން ބައިވެރިވި މި ސެމިނާގައި މިނިސްޓަރު ޒެނީޝާ ވިދާޅުވި ގޮތުގައި ވަޒީފާގެ ބޭނުމުގައި އަންހެނުން އެކި ގައުމުތަކަށް ދިއުމުން މާލީ ގޮތުން މިނިވަންކަން ލިބުނު ނަމަވެސް އެ މީހުންނަށް އެކި ކަހަލަ އުނދަގޫތަކާއި އަނިޔާތައް އެކި ފަރާތްތަކުން ކުރެ އެވެ.
"އެހެންކަމުން މި ކަހަލަ ޕްރޮގްރާމެއް މި މައުލޫ އަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދާތީވެ ވަރަށް އުފާ ކުރަން،" ޒެނީޝާ ވިދާޅުވި އެވެ.
ގެވެށިި އަނިޔާ އާއި ޖިންސީ ގޯނާއާ ގުޅޭގޮތުން މި ސެމިނާގައި މައުލޫމާތު ދިން ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި އެމްޕްލޯއިމެންޓް ޓްރައިބިއުނަލް ހިމެނެ އެވެ.
ފިލިޕީންސުން ރާއްޖެ އާއި ސްރީ ލަންކާ އަށް އަދި ބަންގްލަދޭޝްއަށް ކަނޑައަޅާފައިވާ ސަފީރު ވިސެންޓޭ ވިދާޅުވީ، ފިލިޕިންސްގެ ގާތްގަނޑަކަށް 4،000 މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އަންހެން މަސައްކަތްތެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސައްކަތް ކުރާ މާހާއުލުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ފިލިޕިންސްގެ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން އެކި ގޮތްތަކުން އެއްބާރުލުން ދިނީތީވެ، އެކަމަށްޓަކައި ސަފީރު ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެޑް" ޕްރޮގްރާމަކީ ފިލިޕީންސުން އެ ގައުމުން ބޭރަށް ވަޒީފާ އަދާކުރުމަށް ދާ މީހުންނަށް އެކި ގައުމުތަކުގައި ހިންގާ ސިލްސިލާ ޕްރޮގްރާމް ތަކެކެވެ.