ތިން ގައުމެއްގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް އަންނަ ހޮނިހިރު ދުވަހު އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

އައިލެންޑާސް އެޑިއުކޭޝަން އިން އެޑްލޮކޭޓްއާ ގުޅިގެން ކުރިއަށް ގެންދާ އޯޕަން ޑޭގައި ހިމެނެނީ، އެ ތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި މެލޭޝިއާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކެވެ. އެ ގޮތުން އެ ގައުމުތަކުގައި ތައުލީމު ހާސިލްކުރުމަށް ހޭދަކުރަންޖެހޭ މިންވަރާއި ޔުނިވަސިޓީ އަށް ވަނުމަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ސުޕަވައިޒަރުން ހޯދައިދިނުމާއި ވިސާއާ ބެހޭ ކަންކަމާއި އެޕްލިކޭޝަން ފީއަކާ ނުލާ ޔުނިވަސިޓީތަކުން ޖާގަ ހޯދުމަށް ހުށަހެޅުން ހިމެނޭ ކަމަށް ބުންޏެވެ.

އާޓް ގެލަރީގައި ހޮނިހިރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ބާއްވާ އޯޕަން ޑޭގައި ވަގުތުން އެޕްލިކޭޝަން އެސެސްޓްމަންޓް ވެސް ހަދައިދޭނެ ކަމަށް ވެސް އައިލެންޑާސް އިން ބުންޏެވެ. އެހެންވެ، ޕާސްޕޯޓާއި އޭލެވެލް އަދި އޯލެވެލްގެ ނަތީޖާ އާއި އެ ނޫން ވެސް ތައުލީމީ ސެޓްފިކެޓްތައް ގެންދަން އެ ތަނުން އެދެ އެވެ.

އައިލެންޑާސް އިން ފުރުސަތު ހޯދައިދެނީ 23 އޮސްޓްރޭލިއަން ޔުނިވަސިޓީ އާއި އޮސްޓްރޭލިއާގެ 22 ޕާތުވޭ އިންސްޓިޓިއުޝަންގެ އިތުރުން ނިއު ޒީލެންޑްގެ ނުވަ ޔުނިވަސިޓީ އާއި ޕޮލިޓެކްނިކްސް އަދި އޮސްޓްރޭލިއާ ނުވަތަ ނިއު ޒީލެންޑް ނުވަތަ އިނގިރޭސިވިލާތުގައި ކްރެޑިޓް ޓްރާންސްފާގެ ދަށުން ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބި ދޭ މެލޭޝިއާގެ ހަތް ޔުނިވަސިޓީއަކުންނެވެ.

"މި ތަންތަން ހިމެނެނީ ޔޫކޭ އަދި ޔޫއެސްއޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަސިޓީތަކާ އެއް ހަމައެއްގަ އެވެ،" ބަޔާނުގައިވެ އެވެ.

އެ ތަންތަނުން ކިޔެވުމުން ގިނަ ފައިދާތަކެއް ވެސް އައިލެންޑާސް އިން ފާހަގަކުރެ އެވެ. އެ ގޮތުން، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ކޯހުގެ ބައެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުމާއި ފަސޭހައިން ވަޒީފާ ލިބުން ހިމެނެ އެވެ.