މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަސް ބޭނުންކޮށްގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސްކޫލުގެ ފުރަތަމަ އެމްބީބީއެސް ކޯސް މި މަހު ފަށާ ގޮތަށް ހަމަޖައްސައި، މިއަދު ސޮއިކޮށްފި އެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މެލޭޝިޔާގެ ގައުމީ ޔުނިވަސިޓީ، ކެބެންސާން ޔުނިވާސިޓީގެ ސިލަބަސް ބޭނުންކުރާށާއި އެމްއެންޔޫ މެޑިސިން ސްކޫލްގެ މުވައްޒަފުން ތަމްރީންކުރުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މަރުޒުކީ މުހައްމަދު މުސްތަފާ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ފަވާޒު ވިދާޅުވީ މެޑިސިން ސްކޫލުގައި ކިޔަވައިދޭނެ ލެކްޗަރާއިން، މެލޭޝިޔާ ޔުނިވާސިޓީގެ ސިލަބަހަށް އަހުލުވެރިކުރުވަން ތަމްރީނުތަކެއް ކުރިިއަށްގެންދާނެ ކަމަށެވެ. އެ ތަމްރީނުތަކަށް ފަހު މި މަސް ނިމުމުގެ ކުރިން، ރާއްޖޭގެ ފުރަތަމަ އެމްބީބީއެސް ކޯހުގެ ކިޔެވުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކޯހަށް މިހާރު ވަނީ 38 ދަރިވަރަކު ޝޯޓް ލިސްޓުކޮށްފަ އެެވެ. ނަމަވެސް ކޯހުން ޖާގަ ދޭނެ ދަރިވަރުންގެ އަދަދު ކަށަވަރުވާނީ އިންޓަވިއުއަކަށް ފަހުގަ އެވެ.
ރާއްޖޭގައި އަލަށް ފަށާ މި ކޯސް އެންމެ ފުރަތަމަ ހިންގަން ނިންމީ އަލަށް އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯގަ އެވެ. އެވެ. ނަމަވެސް މެޑިކަލް ސްކޫލަށް ބޭނުންވާ ބައެއް ސާމާނު އަދި ހަމަނުވާތީ، ކޯހުގެ ކިޔެވުން ފުރަތަމަ ކުރިއަށް ގެންދާނީ އެމްއެންޔޫގެ ސައިންސް ލެބުގަ އެވެ. އެތަން މިހާރު ވަނީ މެޑިކަލް ލެބަކަށް ބަދަލުކޮށްފަ އެވެ.
ފަވާޒު ވިދާޅުވި ގޮތުގައި ކެބެންސާން ޔުނިވާސިޓީގެ ސިލަބަހަށް ކިޔަވައިދިނުމުގެ އިތުރުން އެމްއެމްޔޫ މެޑިސިން ސްކޫލްގެ ލެކްޗަރާއިން ކިޔަވައިދޭ ގޮތް ބަލަން ކޮންމެ އަހަރަކު ވެސް ކެބެންސާން ޔުނިވާސިޓީގެ ތަޖުރިބާކާރުން ވަޑައިގަންނަވާނެ އެވެ.
ޑރ. މަރުޒުކީ ވިދާޅުވީ މެޑިސިން ސްކޫލަށް އެހީވުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުން ގާއިމްކުރެވުމުން އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ 48 އަހަރު ކުރިން އުފެއްދި ކެބެންސާން ޔުނިވާސިޓީއަކީ ދުނިޔޭގެ ރޭންކިންގައި 186 ވަނައިގައި ހިމެނޭ ޔުނިވަސިޓީއެކެވެ. މި ޔުނިވަސިޓީގައި 28،000 ދަރިވަރުން ކިޔަވަ އެވެ.