ގދ. ތިނަދޫގެ ބިން ބޮޑުކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކި ސަރަހައްދުން އަންނަ ހަފުތާގައި 150 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫގައި މި ސަރުކާރުން ހިންގި ހަ މަޝްރޫއެއްގެ ނިމުން ފާހަގަކުރަން ރައީސް ޔާމީނާ އެކު، އެ ރަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ތިނަދޫ ރައްޔިތުންގެ އެއް ކަންބޮޑުވުމަކީ ބިމުގެ ދަތިކަން ކަމަށެވެ. ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެކަމަށް އިސްކަމެއް ދެއްވައިގެން އެ ރަށުގައި 50 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން އަޅުގަނޑަށް ދެންނެވީ، އެ ބިމުގެ އެންމެ ބޮޑު ބޭނުމަކީ ގެދޮރު ބިނާކުރުމާއި ބޯހިޔާވަހިކަމަށް ފުރުސަތު ދިނުން ކަމަށް. އެެހެންވެ އެ ބިމުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 150 ގޯތި ދޫކުރަން އިއުލާން ކުރެއްވުމަށް،" ރައީސް ޔާމީން، ތިނަދޫގައި ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތިނަދޫން ގޯތި ދޫކުރުމަށް މި ހަފުތާތެރޭގައި ހައުސިން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ފުރުސަތު ހުޅުވައިލާނެ އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައި އެކަނި ވެސް ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ތިނަދު އަށް ވަނީ ހިންގަވައި ދެއްވާފައި ކަމަށެވެ. އޭގެ ތެރޭގައި އެ ރަށުގެ އިސްލާމީ މަރުކަޒާއި ތީމް ޕާކާއި މަގު ހެދުމާއި ބިން ހިއްކުން ހިމެނޭ ކަން ފާހަގަކުރެއްވި އެވެ.
އެ މަޝްރޫއުތައް ހިންގަން އެމްޑީޕީ އަށް ވެސް ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އެ ވެރިކަމުގައި ތިނަދު އަށް ލިބުނު މޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ. އެއާޚިލާފަށް ރައީސް ޔާމީންގެ ޒައާމަތުގައި ތިނަދޫގެ ތަރައްގީއަށް ބަލާލާއިރު، އޮތީ ދިގު ލިސްޓެއް ކަމަށް ވިދާޅުވި އެވެ.
މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފި ނަމަ، ތިނަދު އަށް ކުރަން ހުރި ކަންކަން އަދި މާގިނަ ކަމަށް ވިދާޅުވި އެވެ. ތިނަދޫ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަމަށާއި ކުރިއަށް އޮތް ވޯޓުގައި އެ ރަށުގެ ބޮޑު އަޣުލަބިއްޔަތެއް އެމަނިކުފާނަށް ލިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.