ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު، އެ މަނިކުފާނާ ބަައްދަލުކުރަން ފުލުހުން ވަކީލުންނަށް ފުރުސަތު ނުދިން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މެންދުރު ފަހު 3:30 އަށް ހަމަޖައްސާފައިވާ ވަކީލުންގެ ބައްދަލުކުރުން އެއްވެސް ސަބަބަކާ ނުލައި ކެންސަލްކޮށްފައިވާ ކަން ފޯނު ކޯލަކުން 3:22ގައި ފުލުހުން އަންގާފައިވާ ކަމަށެވެ.
"ކެންސަލްކުރީ ކީއްވެގެން ކަން އެހުމުން ކޯޕްރަލް އަސްލަމް ބުނީ ޗެކްކޮށްލާފައި ގުޅާލާނެ ކަމަށް. އަދި ދިހަ މިނެޓު ފަހުން ގުޅާފައި ބުނީ 'އިދާރީ ކަންތައްތައް ހަމަނުޖެހޭތީ' ކަމަށް ޑިއުޓީ އިންޗާޖް ސާޖެންޓް ހަމްދޫން އެންގި ކަމަށް،" ވަކީލު މައުމޫން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނުދައްކައި ވަކީލުންގެ ބައްދަލުކުރުން ކެންސަލްކުރީ ރައީސް މައުމޫންގެ ހާލުކޮޅު ރޭ އިތުރަށް ގޯސްވުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން އިއްޔެ ދޫނިދޫއަށް ބަދަލުކުރުމަށްފަހު، މައުމޫން ފަރިއްކުޅުއްވާ ބޭސްތައް ފުލުހުން އަތުލާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސެން ޝަމީމް މިއަދު ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މާފުށީ ޖަލުން ދޫނިދުއަށް ބަދަލުކުރުމަށް ފަހު އިއްޔެ އިރުއޮއްސުނު ވަގުތު ބޭސް ފަރިއްކުޅުއްވަން ވެގެން ދަބަސްކޮޅު ހާވައި ބެއްލެވިއިރު ނެތުމުން އެކަން އެންގެވި ކަމަށެވެ. އަދި ފަހުން ބެލިއިރު، އެމަނިކުފާނަށް އެނގިވަޑައިގަތުމެއް ނެތި ފުލުހުން އެ ބޭސްތައް ގެންދިޔަ ކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.