ދާދި ފަހުން ރައީސް އިއުލާންކުރެއްވި ވިލިމާލެ-2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ގުޅިފަޅާއި ފުށިދިއްގަރު ފަޅުން 1000 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫއުން ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ދީފަ އެވެ. އެކަމަށް އެދޭ ފޯމް އަންނަ ހަފުތާގެ ބުދަދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހާ ހަމައަށް ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ ވިލިމާލޭގެ ހުޅަނގުން އޮނނަ ގުޅިފަޅާއި މާލޭގެ ދެކުނުން އިރުމަތީގައި، މާލެ އަތޮޅު ގުޅީ ކައިރީގައި އޮންނަ ބޮޑު ފަޅު ފުށިދިއްގަރު ފަޅު ހިއްކައިގެންނެވެ. މީގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކުން ގުޅުވާލަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ވިލިމާލެ-2 މަޝްރޫއުން ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.
"އެންމެންނަށް ހިޔާ ކަށަވަރު" މަޝްރޫއުގެ ޚުލާސާ:
- ވިލިމާލެ 2 ތަރައްގީކުރަނީ ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން
- މި މަޝްރޫއުގައި 300،000 މީހުންގެ އާބާދީ އަށް އަމާޒުކޮށް، ޖުމްލަ 80،000 ފްލެޓާއި ބިން ދޫކުރާނެ
- މި މަޝްރޫއާއެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާނެ.
- ބިން ހިއްކައި ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.
އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިއްސާކުރަން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލަސްތަކެއް ނުވެ "އެންމެންނަށް ހިޔާ ކަށަވަރު" މަޝްރޫއު ފެށިގެންދާނެ ކަމަށެވެ.
ވިލިމާލެ-2 އަކީ މި އަހަރުގެ މިނިވަން ދުވަސް، ޖުލައިި 26 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި މަޝްރޫއެކެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލެ 2 ތަރައްގީކުރަން ނިންމާފައިވަނީ 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ.