ވިހި ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް 866 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ފެނަކަ ކޯޕަރޭޝަނުން ސްރީ ލަންކާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި "ނަރުދަމާ އިން އުއްމީދީ ދިރިއުޅުމުގެ މަޝްރޫއު"ގެ ދަށުން 21 ރަށެއްގައި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ. ލަންކާގެ ހޭކާބް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިއަ ވަސްނާ އެވެ.
އެ މަޝްރޫއުގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި ނަރުދަމާ ގާއިމުކުރަން ހަމަޖެއްސި ރަށްތަކަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫ އެވެ.
މި ރަށްތަަކުގެ ތެރެއިން މަތިވެރީގެ ނަރުދަމާ ގާއިމުކުރުން، އެހެން މަޝްރޫއެއްގެ ދަށުން މިހާރު އެހެން ކުންފުންޏަކާ ހަވާލު ކޮށްފައިވާތި އެ ރަށުގެ ބަދަލުގައި އެހެން ރަށެއް، ހޭކާބް ކުންފުންޏާ ހަވާލުކުރަން ފެނަކަ އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ފެނަކަ އިން ނުބުނެ އެވެ.
އެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ލަމްއާން ވިދާޅުވީ މިއަދަކީ އެ ކުންފުންޏަށް ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. ރިޔާސީ ކެމްޕެއިންގައި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު، ހަގީގަތަކަށް ވެ އެކަމުގެ ފައިދާ ގިނަ ބަޔަކަށް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަމްއާން ވިދާޅުވި ގޮތުގައި ނަރުދަމާ ގާއިމްކުރާ ރަށްތަކުގައި، އެ މަޝްރޫއު ނިމުމުން ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 22 ރަށެއްގައި ނަރުދަމާ ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް 83 ރަށުގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.