ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރައީސަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ވަރަށް ހަރުދަނާ ސާބިތު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް އުކުޅަހުގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެކަމަކު، ނަޝީދުގެ ނަން އަނބުރާ ގެންދިއުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 43،000 މެމްބަރުން ނަޝީދަށް އާން ބަސް ބުނެފައި ވަނީ. އެ ނޫން ހާލަތެއް މެދުވެރިވީމަ އަޅުގަނޑު ގަބޫލު ކުރަނީ އިބޫއަކީ ވަރަށް ހަރުދަނާ ރަނގަޅު ކެންޑިޑޭޓެއްގެ ގޮތުގައި. އިބޫއަކީ ވަރަށް ހަރުދަނާ، ވަރަށް ސާބިތު ބޭފުޅެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ ސަރުކާރުން އަޅަމުންދާ ހުރަސް އެޅުންތައް ގިރާ ކުރުމަށް ފަހު އެވެ. އެމްޑީޕީއަކީ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނެ ޕާޓީއެއް ކަމަށާއި ކޮންގްރެސް ވެގެންދާނީ ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ފެންބޮވައިގެންފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ކޮންގްރެސް އިން ލިބިގެންދާނެ މެސެޖުން އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ކާމިޔާބު ކުރާނެ ކަން ހާމަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ކުރިމަތިނުލައްވާ ނަމަ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޝާހިދު ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނީ ބެލެވޭ ގޮތުގައި، އިބޫ އެވެ. އެކަމާ މެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމާނެ ކަމަށް ވެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަން ނަޝީދު ދޫކޮށްލެއްވީ، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި ވާދަކުރެއްވުމުގެ ފުރުސަތު އިލެކްޝަންސުން ނުދޭނެތީ އެވެ.