ޓެބްލެޓް ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާ އިރު، ދަރިވަރުން ޓެބްލެޓް ބޭނުންކުރުމާ ބެހޭ ގޮތުން ބެލެނިވެރިން އަހުލުވެރިކުރުވަން އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު ޓެބްލެޓް ބޭނުން ކުރާނެ ގޮތްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ބެލެނިވެރިންނަށް ކިޔައިދެމުން އަންނަ ކަމަށެވެ. އެ ގޮތުން އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުންތަކެއް ބާއްވަމުންް އަންނަ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ސްކޫލުތައް ޑިޖިޓައިޒްކޮށް ދެ ވަނަ ޓާމުން ފެށިގެން އެ ބޭނުންކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ. މިހާރު އަންނަނީ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކުރަމުންނެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވީ ޑިޖިޓައިޒް މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެ ވަނަ ޓާމުގައި އެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާފައި ވިޔަސް، ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ސީދާ ދުވަހެއް މިނިސްޓްރީން އަދި ނުބުނެ އެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށް ވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،459 ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށްފަ އެވެ.