ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސް ދީފައި ވަނީ ނުފެންނަ ތަރައްގީއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ދެމުން ދަނީ ނުފެންނަ ގެއްލުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

އަމާންކަން ފަދަ ނުފެންނަ ތަރައްގީ ސަރުކާރުން ގެނެސްދީފައިވާ ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވައި، އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުން ދެމުންދާ ނުފެންނަ ގެއްލުންތައް އަހަރުތަކެއް ފަހުން ފެންނައިރު އޮންނާނީ ހައްލު ނުވާ ހިސާބުގައި ކަމަށެވެ.

ތައުލީމީ ދާއިރާގައި 10 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ސަބަބުން ދަރިވަރުންނަށް ތައުލީމެއް ނުލިބި ކިޔަވަން ފޫހިވަމުން ދާ ކަމަށެވެ.

"ޔާމީންގެ ވެރިކަން ބަދަލު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް ޖީލު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް،" ރޮޒެއިނާ ވިދާޅުވި އެވެ.

ތައުލީމީ ގޮތުން ކުރިއަށް ދިއުމަކީ ވާދަވެރި ކަމެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. މިހާރު އަމަލު ކުރާ އުސޫލާ އެކު ކުދިންގެ ފެންވަރު ރަނގަޅަށް ވަޒަން ނުކުރާ ކަމަށާއި ކުދިންނަށް ނޭނގޭ އެއްޗެހި ބުނެ ދިނުމަށް ޓީޗަރުންނަށް އެކަށޭނަ ވަގުތު ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި ބެލެނިވެރިންގެ ބައްދަލުވުންތައް ބާއްވާ އުސޫލު ބަދަލު ކޮށްފައިވާއިރު، ވަކިވަކި ޓީޗަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާރު ނުލިބެ އެވެ. އޭގެ ބަދަލުގައި ކުޑަކުދިން އަމިއްލަ އަށް ފޯމުތަކެއް ފުރައި އިގުރާރުތަކެއް ވާން ޖެހޭ ގޮތަށް ބަދަލުކޮށްފައި ވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް މިހާރު ބާއްވަމުން އަންނަނީ ކްލާސް ޓީޗަރާއި ބެލެނިވެރިޔާގެ ހާޒިރުގައި ދަރިވަރު އޭނާ އަށް ދިމާވާ ގޮންޖެހުންތައް އަމިއްލަ އަށް ކިޔައިދޭން ޖެހޭ ގޮތަށެވެ. ސްކޫލާ މެދު ކުއްޖާ ދެކޭ ގޮތާއި ދިމާވާ މައްސަލަތައް ޓީޗަރަށާއި ބެލެނިވެރިޔާ އަށް ބުނެދޭން ޖެހެނީ ދަރިވަރަށެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި ރޮޒެއިނާ މިރޭ ވިދާޅުވީ ރާއްޖޭގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ހެޔޮދުއާ މައުމޫނާ އެކު ވާ ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއުގައި މިއަދު ބޮޑީގާޑުން ތިބި ނަމަވެސް ވެރިކަން ގެއްލޭ ހިސާބުން ހުންނާނެ މީހަކު ނުވާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.