ފަތާ ޓްރެކް ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
ދޭތެރެ ދޭތެެރެ އިން ޓްރެކް ސަރަހައްދަށް ކުނި ގިނަވާ ކަމުގެ ޝަކުވާ ބޮޑުވެ އެވެ. އަދި އިއްޔެ ވަނީ އާދަޔާ ހިލާފަށް އެ ސަރަހައްދަށް ކުނި ޖަމާވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ޕްލާސްޓިކް ކޮޓަޅު ފަދަ ތަކެއްޗެވެ. މުޅި ޓްރެކް ސަރަހައްދަށް އިއްޔެ ކުނި ޖަމާވުމާ ގުޅިގެން ފަތަން ދާ ކުދިންގެ ޕްރެކްޓިސް ވެސް އިއްޔެ ނުބާއްވަ އެވެ. އަދި ކަސްރަތަށް ފަތަން ދާ މީހުންގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
ނަމަވެސް އިއްޔެ އެ ސަރަހައްދު ސާފުކޮށް މިއަދު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުނިތަކަކީ ޓްރެކާ ދިމާލު ބޭރުން ދަތުރުކުރި ބާޖަކުން ކަނޑަށް އުކައިލި ކުނިތަކެއްކަން މިހާރު ވަނީ އެނގިފަ އެވެ. އަދި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ދެ އިދާރާގެ ވެސް ބަހެއް ނުލިބެ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް، އިސްމާއީލް އަލީ ވިދާޅުވީ ޔޫތު މިނިސްޓްރީން، ކޮންމެ ދުވަހަކު ވެސް ޓްރެކް ސަރަހައްދު ސާފު ކުރާ ކަމަށެވެ. އާންމުކޮށް އެ ސަރަހައްދަށް ކުނި ގިނަވެގެން އުނދަގޫ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ ދިމާވީ ހާއްސަ ހާލަތެއް. އާންމު ގޮތެއްގައި އެތަން އޮންނާނީ ސާފުކޮށްފައި،" އިސްމާއިލް ވިދާޅުވި އެވެ.