މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދައުލަތް ހިންގަން ބުރޫއަރާ ފަދަ ގޯސް އަމުރެއް ކަމަށް އެ ކޯޓުން މިހާތަނަށް ކަނޑައަޅާފައި ނުވާތީ، އެ އަމުރާ ގުޅުވައިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލު ބަންދުގައި ދަމަހައްޓަނީ ގާނޫނާ ޚިލާފަށް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ.

މި އަމުރު ސަރުކާރުން ތަންފީޒު ނުކުރީ، ދައުލަތް ހިންގަން ބުރޫއަރައި، ގާނޫނުއަސާސީ އޮޅުންބޮޅުންވެދާނެ ކަމަށް ބުނެ އެވެ. އަދި އެއީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތު ކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި، ޝަމީމް ވިދާޅުވީ 1 ފެބްރުއަރީގެ އަމުރަކީ ސަރުކާރުން ބުނާ ފަދަ ދައުލަތް ހިންގަން "ބުރޫއަރުވާ" ފަދަ އަމުރެއް ކަމަށް، ފަހުން ނެރުނު ދެ އަމުރުގައި ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ. ޝަމީމް އެ ފާހަގަ ކުރެއްވީ، ފެބްރުއަރީ 6 އަދި 18 ގައި ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރުގެ ވާހަކަ އެވެ.

"މާނައަކީ، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ގޯސް އަމުރެއް ކަމަށް ފަހުން ނެރުނު ދެ އަމުރުގައި ވެސް ލިއުއްވާފައެއް ނުވޭ. އެހެންވީމަ ފަސް ފަނޑިޔާރުން ތިއްބަވައިގެން، ފަނޑިޔާރުންނަށް ފެނުމާއި އެނގުމުގެ ތެރެއިން ނެރުއްވި އަމުރެކޭ އެއީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ފަނޑިޔާރުން ބަންދުކޮށް، ކްރިމިނަލް ކޯޓުން ޖަވާބުދާރީ ކުރުވުމަކީ ގާނޫނުތަކުގައި ބުނާ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

"އެ ވާހަކަ އުއްތަމަ ފަނޑިޔާރު އެ ވިދާޅުވަަނީ. ތިމަން މަނިކުފާނު ނެރުނު އަމުރަކާ ގުޅޭ ގޮތުން ސުވާލެއް އޮތީ ވިއްޔާ، އެ ސުވާލު ކުރައްވަން ޖެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައި އެބައޮތޭ،" ޝަމީމް ވިދާޅުވި އެވެ.

ފަނޑިޔާރުން ހައްޔަރުކުރުމާ ގުޅޭ ގޮތުން ވަކި އުސޫލްތަކެއް ކިޔައިދީފައި އޮންނަ ކަން ޝަމީމް ފާހަގަކުރެއްވި އެވެ. ގާނޫނުއަސާސީގައި އެ ގޮތަށް ކަނޑައެޅީ، ރާއްޖޭގައި އަަމަލުކުރަމުން އައި ސަގާފަތެއް ހުއްޓުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލު ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
ވަކީލު ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ފަނޑިޔާރުން ހައްޔަރުކުރީ ވެސް އެއީ، އެހާ ފަސޭހަ އިން ކުރަން ގާނޫނު ތަން ދޭ ކަމަކަށް ނުވާތީ އެވެ. ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދައްކާ ވާހަކައެއް ނޫން، ރައީސް ޔާމީން އެ ވިދާޅުވަނީ، ތިމަން މަނިކުފާނު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ގާނޫނުއަސާސީގައި އޮތް ގޮތަކަށް ނޫނޭ. އެއީ، ފަނޑިޔާރުން ހައްޔަރުކުރަން ވެގެން ތިމަންނާ ކޮށްލި ކަމެކޭ. އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެތިގެން،" ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން ޖެހިވަޑައިގަތީ، "ގާނޫނުތަކުން ދަތި އެޅުވޭތީވެ ދަތި ފިލުވަން" ވެގެން ކަމަށެވެ. އެ ނޫން އެއްވެސް ކަހަލަ ޒަރޫރަތެއް އެކަމަށް ނިޔާކޮށްގެން ކުރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ފަނޑިޔާރުން ހައްޔަރުކުރި ގޮތާއި ތަހުގީގާއި ޝަރީއަތް ވެސް ހިންގަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. ބާތިލު އިޖުރާއަތުތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ވެސް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުން ބޭރުން ކަންކަން ކުރައްވަން ރައީސް ޔާމީން ކިތަންމެ ބޭނުންފުޅުވި ނަމަވެސް ގާނޫނުއަސާސީން އެ މަނިކުފާނަށް އެ ޖާގަ ލިބިވަޑައިނުގަންނަވަ އެވެ. އެހެންކަމުން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ގާނޫނާ ޚިލާފު ބަންދު، ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.