މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް، ޓުވިޓާގައި ފާޅުކުރެއްވީ ހިތުގެ އުދާސްތައް ކަމަށާއި ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެރޭ ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރަނީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އިބްތިދާއީ އަޑުއެހުމެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި މައްސަލަ ބެލޭނެ ކަމަށް މަދަނީ މިންގަނޑުން ކަނޑައަޅުއްވައިފަ އެވެ. އަދި ދެ ފަރާތުން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ކިހާ ދުވަހަކުން ހުށަހެޅިދާނެތޯ ގާޒީ ވަނީ ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލުން އަރިހު އައްސަވައިފަ އެވެ.
ދައުލަތުގެ ވަކީލު ޝަކުރުﷲ ޝަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ދިފާއީ ވަކީލުން އެދިވަޑައިގަތީ 10 ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު، ގާޒީ ވަނީ ދައުލަތުގެ ވަކީލަށް ދެ ދުވަހުގެ މުއްދަތެއް ދެއްވައި، ދިފާއީ ވަކީލުންނަށް ހަފުތާއެއް ދެއްވައިފަ އެވެ.
މަހްލޫފް ކުރެއްވި ޓުވީޓުގައި ވަނީ ގައިދީން ޖަލުގައި މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ބޭސް ފަރުވާ ނުދީ ސީދާ މަރަނީ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މިކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްގެ ވެރިން އުފުލަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ. އަދި އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވި އިރު ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކުރެވުނު އަދަދު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިބްތިދާއީ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ ކުރެއްވި ޓުވީޓަކީ ޖަލުގައި ގިނަ ބަޔަކު މަރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެކެވެ. އަދި އޭނާ ކުރެއްވި ޓުވީޓަކީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ފާޅުކުރެއްވި ހިތުގެ އުދާސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ މިއީ ވަކި ފަރާތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއް ނޫން ކަމަށެވެ. އެހެންވެ، މި ދައުވާ އޭނާއާ ދެކޮޅަށް ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދައުވާ އަށް އިންކާރު ކުރަން. އަދި މި ދައުވާ ބާތިލުކޮށް ދިނުމަށް އެދެން،" މަހްލޫފް ވިދާޅުވި އެވެ.
ނަމަވެސް، ގާޒީ އަލީ އާދަމް ވަނީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިފަ އެވެ.
މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ. އޭގެ ތެރެއިން ޓެރަރިޒަމްގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ބުދަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.