ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ދިވެހިންނަށް މެޑިކަލް ވިސާ ދިނުން މަޑުޖައްސާލުމަށް ފަހު އިންޑިއަން ހައި ކޮމިޝަނުން އަލުން އެ ހިދުމަތް ދޭން ފަށައިފި އެވެ.
މިދިޔަ ހަފުތާގައި ސްކޫލުތަކުގެ މިޑްޓާމް ބަންދާ ދިމާކޮށް، އެތައް ބަޔަކު އިންޑިއާ އަށް ދިއުމަށް ވިސާ އަށް އެދެމުން ދިޔަ އެވެ. ނަމަވެސް އިންޑިއާ ހައި ކޮމިޝަނުން ބުނީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވިސާ ދިނުން މެދުކެނޑިފައިވާ ކަމަށާއި އަނބުރާ އެ ހިދުމަތް ދޭން ފެށޭނީ މިިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ ވިސާ ދޫކުރަން އަލުން ފަށާފައިވާ ކަމަށާއި އޮންނަ އުސޫލުގެ މަތިން ދައްޗެއް ނެތި މިހާރު ވިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ.
ބޭސްފަރުވާ އަށް ދިވެހިން އާންމުކޮށް ގޮސް އުޅޭ އިންޑިއާގެ މެޑިކަލް ވިސާ ހޯދަން ހުށަހެޅުމުން އާންމުކޮށް ދެ ތިން ދުވަސް ތެރޭގައި ވިސާ ލިބެ އެވެ.
އިންޑިއާއިން ވިސާ ދިނުން މަޑުޖައްސާލި އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން، އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނަމަވެސް އިންޑިއާއިން ފަހުން ވަނީ އެ ގައުމުން ރާއްޖޭގެ ކަންކަމާ ނުބެހޭނެ ކަމަށާއި ވާދަވެރި ޗައިނާއިން އެ ގައުމަށް ގެއްލުންވާ ފަދަ ކަމެއް ނުކުރުމަށް އެދެފަ އެވެ. އިންޑިޔާގެ ނުތަނަވަސްކަން ބޮޑުވީ ރާއްޖެ އިން ޗައިނާ އާ ގާތް ގުޅުމެއް ގާއިމް ކުރަމުން ގެންދާތީ އެވެ.