ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ހިތްދަތި ހާލަތުން ސަލާމަތްކަން ހޯދުމަށް، އެންމެހާ ދިވެހިންގެ "ހިތާމަ އިޝްގަށް" ހެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ސިޔާސީ ނުތަނަވަސްކަމަށް އިޝާރާތް ކުރައްވައި އާއްމު ކުރެއްވި ކުރު އޯޑިއޯއެއްގައި ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕާޓީތަކާ އެކު އިސްލާހަށް މަސައްކަތް ކުރާ ދިވެހިންނަށް ހިތްވަރު ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ކިތަންމެ އާއިލާއެއްގެ ހިތާމަ އާއި އަސަރާއި ދަތިތަކާއި އުނދަގޫތައް ހިފެހެއްޓުމެއް ނެތި އޮހެރެމުން އަންނަނީ ސޯޝަލް މީޑިއާގައި ކަމަށެވެ. އެ ޖަޒުބާތުތައް އޮއްސަމުން ދަނީ، ސަލާމަތުން ތިބި މަދު ބައެއްގެ ހިތުގެ ޚާލިސްކަމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަނިވެރި އަނިޔާގެ ވޭނާ އެކު. ތިޔަ ބޭފުޅުންގެ ހާލަތުގެ ދޫތައް އަޑު ނީވޭނީ ކާކަށްތޯ؟ ހިތަށް ކުރާ އަސަރު، އަޅާ ވޭން އިންތިހާ އަށް ބޮޑު. އެހެން ނަމަވެސް ދަންނަވަންތޯ؟ ތިޔަ އަނިޔާ ތަހައްމަލްކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
"ތިޔަ ވޭނަކީ ތިޔަ ބޭފުޅުންގެ ހަޔާތުގެ އިޝްގަށް ހައްދަވާ. ހިތާމަ އިޝްގަށް ބަދަލުކޮށް، އެ އިޝްގުގެ ލޯބީގައި ތެދުވަންނަވާ. ދިވެހިރާއްޖެ ސަލާމަތްކުރައްވާ."
އޯޑިއޯއެއް މެދުވެރިކޮށް ނަޝީދު ހިތްވަރު މިދެއްވީ، ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެތައް ބަޔަކު ހައްޔަރުކުރުމާ އެކު ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދަނިކޮށެވެ. އެ މުޒާހަރާތަކުން ވެސް އެތައް ބަޔަކު ކޮންމެ ރެއަކު ހައްޔަރުކުރެ އެވެ.
އިސްލާހަށް މަސައްކަތް ކުރާ އެތައް ބަޔަކު ހައްޔަރުކުރަނީ ސަރުކާރު ނުހިފެހެއްޓިގެން ކަމަށާއި ވެރިކަން ނިމެން ކައިރިވެފައިވާ ކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އެކަމަކު، ވެރިކަން ކުރާ ޕީޕީއެމުން ބުނަމުން ދަނީ، އިދިކޮޅުން މައުސޫމް އެތައް ރައްޔިތުންތަކެއް މުޒާހަރާ އަށް ނެރެ ކުށްތަކަށް އަރައިގަންނަމުން ދިޔަ ނަމަވެސް ސަރުކާރު ނުވެއްޓި، ދައުރު ނިމެންދެން ދެމިއޮންނާނެ ކަމަށެވެ.