އަންހެން ދަރިންނަކީ މުސީބާތެއްގެ ގޮތުގައި ގަބޫލުކުރާ މީހުން ގިނަ އިންޑިއާގައި، އަންހެން ދަރިއަކު ލިބުމުން އަނބިމީހާ ދެކެ ރުޅި އައިސްގެން މޫނަށް އެސިޑް ޖަހައިފި އެވެ.
ނިއު ދިއްލީ ކައިރީގައި އޮންނަ މޮރާދްއާބާދުގައި ދިރިއުޅޭ ފަރާ، 25، ގެ މޫނަށް ފިރިމީހާ ސިރާޖް އެސިޑް ޖެހީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އަނިޔާވެރި ހަމަލާގެ ސަބަބުން ފަރާގެ ސިފަ ވަނީ ގެއްލިފަ އެވެ. މޫނުގެ އިތުރުން ފަރާގެ އަތުގެ ބައެއް ތަންތަނަށާއި ބަނޑަށް ވެސް އެސިޑްގެ އަސަރުކޮށްފައިވެ އެވެ.
ފަރާގެ އާއިލާއާ ހަވާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިރާޖު، ފަރާއާ ކައިވެނިކުރީ "ފިރިހެން ދަރިއަކު ހޯދައިދޭނެ ކަމަށް އެއްބަސްވެގެން"ނެވެ. އެކަމަކު ބަލިވެ އިނދެ، ދެ ފަހަރު ވެސް އަންހެން ކުއްޖަކު ވިހެއުމަކީ އެ ވައުދާ ހިލާފުވުން ކަމަށް ބުނެ، އަންހެނުންގެ މޫނަށް އެސިޑް ޖެހީ އެވެ.
ފަރާ އަށް ހަމަލާ ދިނުމަށް ފަހު، ބޫރާ، 32، މިހާރު ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފަރާގެ ދައްތަ ނުސްރަތު ޖަހާން މީޑިއާ އަށް ކިޔައި ދިން ގޮތުގައި ފާއިތުވި އަށް އަހަރު ފަރާ އުޅުނީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ތެރޭގަ އެވެ. އަދި ދެވަނަ އަންހެން ދަރިފުޅު ވިހެއުމާ އެކު، ފިރީމީހާގެ އަނިޔާވެރިކަން އިންތިހާ އަށް ދިޔައީ ކަމަށް ބުންޏެވެ.
"އަބަދު ވެސް އޭނާ ބިރު ދައްކަމުން ދިޔަ ފިރިހެން ކުއްޖެކޭ ވިހަން ޖެހޭނީ ބުނެ. އެހެންވެ ވިހެއުމާ ހަމައަށް ވެސް ފަރާ އުޅުނީ ވަރަށް ބޮޑު ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގައި،" ނުސްރަތު ބުންޏެވެ. "ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ބޫރާ އާއި އޭނާގެ އާއިލާ އިން ގެންދިޔައީ ފަރާ އަށް ތަފާތު ގޮތްގޮތަށް އަނިޔާކޮށް، ބިރު ދައްކަމުން."
ހޮސްޕިޓަލްގައި މިހާރު ފަރާ އަށް ފަރުވާ ދެމުން އަންނަ އިރު، އޭނާ ބުނި ގޮތުގައި ފިރިމީހާ އޭނާ އަށް މި ވަރުގެ އަނިޔާއެއް ދީފާނެ ކަމަކަށް ކުރިން ހިތަކަށް ވެސް ނާރަ އެވެ.
"އަހަންނަށް އަންހެން ދަރިން ލިބުމަކީ އަހަރެންގެ މައްސަލައެއް ނޫން. ދަރިން ދެއްވަނީ ހެއްދެވި ފަރާތުން،" އޭނާ ބުންޏެވެ.