މެލޭޝިޔާއިން ރާއްޖެއަށް ދިން ސްކޮލަޝިޕްގެ ތެރެއިން 250 ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
މިއީ އެ ގައުމުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އިން މިދިޔަ މަހު ރާއްޖެއަށް ދިން 500 ސްކޮލަޝިޕްގެ ދަށުން ހުޅުވާލި ފުރުސަތުތަކެވެ.
މި ބުރުގައި ހުޅުވާލި ސްކޮލަޝިޕުގެ ދަށުން ދެނީ ޑިގްރީއަށް ކިޔަވަން 200 އަދި މާސްޓާސް އަށް ކިޔަވަން 50 ސްކޮލަޝިޕެވެ.
މި ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު މާޗު 15އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މެލޭޝިއާގެ މި ސްކޮލަޝިޕްތަކުގައި ކިޔަވަން ދެވޭ ޔުނިވަސިޓީތަކުގެ ތެރެއިން ޔުނިވާސިޓީ ޓެކްނޮލޮޖީ މާރާ އާއި މަލާޔާ ޔުނިވާސިޓީގެ މާސްޓާސް ޕްރޮގްރާމްތަކުގެ ކޯސްތަކަށް މެލޭޝިއާ ސަރުކާރުން ހޭދަކުރާތީ ދަރިވަރުންގެ އަތުން ކުރަން ޖެހޭ ހަރަދުތައް، އެހެން ޔުނިވާސިޓީތަކަށް ވުރެ ކުޑަވެ އެވެ.
ދެން ހުރި ޔުނިވާސިޓީތަކުގެ ޓިއުޝަން ފީން 50 ޕަސެންޓް ޑިސްކައުންޓް، ސްކޮލަޝިޕްގައި ދާ ދިވެހި ދަރިވަރުންނަށް ލިބެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސްކޮލަޝިޕްގައި ކިޔަވާއިރު އިތުރު ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެކަން ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. ނުވަތަ ސަޕްލިމެންޓްރީ ލޯނެއްގެ ގޮތުގައި ކިޔެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ފަހު ވަކި މުއްދަތެއްގައި ރާއްޖޭގައި މަސައްކަތްކުރަން ޝަރުތުކުރެ އެވެ.