ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ މެމްބަރުން މިހާރު ކުރައްވަމުން ގެންދަވަނީ، ދިވެހި ތާރީޚުގައި މިހާތަނަށް ނުފެންނަ ވަރުގެ ޚިދުމަތެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމުގައި ތިއްބެވު ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ އެކެއްގައި ނެރުނު އަމުރަށް ފަހު، ފުރަތަމަ ފަހަރަށް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ މެމްބަރުން މި ދުވަސްވަރު ކުރައްވަމުން ގެންދަވަނީ ތާރީޚު ނުދެކޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން މި ކުރައްވާ މަސައްކަތްތަކަކީ އަޅުގަނޑަށް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއްވެސް އިރެއްގައި، އެއްވެސް ބަޔަކު ކޮށްފައި ނުވާހާ އަގުހުރި މަސައްކަތްތަކެއް،" ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ކަންކަން މަޖިލީހުން ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމުގައި ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް މިދިޔަ ދެ ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކަށް ބަލާއިރު، އެ ގުރޫޕުގެ ބަދަހިކަން ފެނިވަޑައިގެންފައިވާ ކަމަށެވެ.
ޒަމީރުގެ ތައުރީފު، ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުންނަށް އޮއްސާލި ނަމަވެސް، މިދިޔަ ހަތަރު އަހަރު މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލި، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދު ވަނީ 41 އަށް ދަށްވެފަ އެވެ. އެއީ، ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އަދަދު 44 އަށް އިތުރުވެ، އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ. ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތް މަޖިލީހުން އަދި އިއުލާނެއް ނުކުރެ އެވެ.
މިފަދަ ވަގުތެއްގައި، ސިވިލް ސާވިސް މުވައްޒަފުން ޚިދުމަތް ދިނުމުގައި ދެމިތިބިކަން ފާހަގަ ކުރައްވައި ޒަމީރު ވަނީ ސިވިލް ސާވެންޓުންނަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެން ގުޅިގެން މަސައްކަތް ނުކުރި ނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ކުރިމަތިވި ފަދަ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓިގެން ދާނެ އެވެ.
ސިފައިންނާ ފުލުހުންނަށް ތައުރީފު ކުރައްވައި ޒަމީރު ވިދާޅުވީ، ރާއްޖެ އިން މިހާރު ތަރައްގީ ފެންނަނީ ގާނޫނު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުން ކުރާ މަސައްކަތުން ކަމަށެވެ. އެ މީހުންގެ އެ މަސައްކަތްތަކަށް ސެލިއުޓް ހައްގު ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.