އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ހަވީރާއި ރޭ ބޭއްވި އެއްވުން ކަވަރު ކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ ފަރާތުން ފެނުނު އަމަލުތައް ހުރީ އެއްވުމުގައި ބައިވެރިވި މީހުންނާ އެއް ހަމައެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްޔެގެ އެއްވުންތައް ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ މައްސަލަ ފެންމަތިވެ، ލިބުނު އަނިޔާތަކާ ގުޅިގެން އެއް ނޫސްވެރިއަކު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު، ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.
"އެހެން ކަމުން އެއްވެސް ފަރާތަކުން ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށާއި، މިފަދަ ހަރަކާތްތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން، ނޫސްވެރިންގެ އަޚުލާގީ މިންގަނޑުތައް ހިފަހައްޓައި، ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރެއްވުމަށް ވެސް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ،" އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް އެ ނޫސްވެރިން ބުނަމުން ދިޔަ ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ބަޔާން ކުރުމެއް ނެތި ފުލުހުން ނެރުނު ބަޔާނުގައި ވެ އެވެ.
އަދި މީޑިއާތަކުން ފެތުރި ދޮގު މައުލޫމާތަކީ ކޮބައި ކަމެއް ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައެއް ނެތެވެ.
ފުލުހުން ބުނީ ސިޔާސީ ބައެއް ބޭފުޅުން އިސްވެ ތިއްބަވައި، މާލޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ގައުމު ހަލަބޮލި ކުރުމުގެ ގޮތުން ހަރަކާތްތަކެއް އިއްޔެ އާއި ރޭ ހިންގާފައިވާ ކަމަށެވެ.
މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިއްޔެ މީހުން އެއްވެ ހަމަނުޖެހުން ހިންގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ގައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަން އެ ބަޔާނުގައި ތަކުރާރު ކޮށްފައި ވެ އެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެކަން ތަންފީޒު ކުރަމުންދާއިރު، ހަޅުތާލުކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަން ސަސްޕެންޑް ކޮށްފައިވާ ދުވަސްވަރެއްގައި އެއްވުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނަ ކަމަށް ފުލުހުން ކުރިން ވެސް އަންގާފައިވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ހަރަކާތުން ފަހަކަށް އައިސް ބާއްވާ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް އިއްޔެ އާއި ރޭގެ އެއްވުންތަކުގައި ފުލުހުން އަނިޔާކޮށްފައިވާ އެ ހަރަކާތް ކަވަރު ކުރުމަށް އުޅުނު ނޫސްވެރިން ބުނެ އެވެ. އޭގެ ތެރޭގައި ސީދާ ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމާއި އެއްވުން ކަވަރު ކުރުމަށް ގަސްދުގައި ހުރަސް އެޅުމާއި އަނިޔާ ކުރުން ހިމެނޭ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.
މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަނަށެވެ. އޭނާ ރޭ ދަންވަރުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު ވާތްފަރާތު އަރިކައްޓާ ދިމާލުން ވަނީ ލޭ ކޮށައިގެން ގޮސްފަ އެވެ. އެކަމަކު، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.