މަޖީދީމަގާ ޗާންދަނީމަގު ގުޅޭ ކަންމަތީގައި އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާގައި އެމްޑީޕީގެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ޖަލުން ދޫކުރުމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކުރި އެ މުޒާހަރާގައި ހައްޔަރުކުރީ އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމާއި ޔޫތު ވިންގުގެ މެމްބަރުން ކަމަށްވާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް އާއި ޝަފާތު އަހުމަދުގެ އިތުރުން ޝީނާ މުހައްމަދެވެ.
މި އެންމެން ވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.
ޒުވާނުންތަކެއް އިންތިޒާމްކުރި މި މުޒާހަރާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ ރޫޅާލާފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުން ތަނަކަށް އެއްވާއިރަށް ފުލުހުން ގޮސް ރޫޅާލަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހައްޔަރުކުރުމުން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.