ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން ދެންމެ އިއުލާންކޮށްފި އެވެ.
ކުރިން، ރައީސް އަބްދުﷲ ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކަމަކު މިހާރު އިދިކޮޅު ހަރަކާތުގައި އުޅުއްވާ ސިނާނާއި އިލްހާމް ހޯދަން އިއުލާންކުރީ، އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ކަމަށް ފުލުހުންގެ އިއުލާންގައި ވެ އެވެ. އިތުރު ތަފުސީލެއް ނެތެވެ.
ރައީސް ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ސިނާނާއި އިލްހާމް މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ ވަޑައިގަތުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އެވެ.
އެ ދެ ބޭފުޅުން ރާއްޖެ ވަޑައިގަތީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ހޯދަން މިދިޔަ މަހުގެ 31 ގައި އިއުލާން ކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިނުމުގެ މައްސަލައެއްގެ ތުހުމަތަށް ސިނާނާއި އިލްހާމް، އެ ބުރުގައި ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން އެ ދެބޭފުޅުން ސިޔާސީ އެއްވެސް ހަރަކާތަކުން ނުފެ އެވެ. އަދި ސަރުކާރާ ދެކޮޅު ޓުވީޓުތައް ވެސް އޭގެ ފަހުން ނުކުރައްވަ އެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.