ޓްވީޓާ މެދުވެރިކޮށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީން ފުލުހަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނުގައި ބުނީ "youthsinlk@" ނަމަކަށް ކިޔާ އެކައުންޓަކުން، ނަޝީދާއި އިންތިއަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

އެ ބޭފުޅުންގެ އިތުރުން ވެސް ހަމަ އެ އެކައުންޓުން އެމްޑީޕީގެ ބައެއް އެހެން މީހުންނަށް ވެސް މަރުގެ އިންޒާރު ދެމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.

"އެހެންކަމުން އެކަން ތަހުގީގުކޮށް، އެ އެކައުންޓް ބޭނުންކުރަމުން ގެންދާ ފަރާތް ހޯދައި އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ބުދަ ދުވަހުގެ ރޭ ހުށަހަޅައިފި އެވެ،" ބަޔާނުގައި ބުންޏެވެ.

"youthsinlk@" އަކީ "ޔޫތުސް އިން ސްރީ ލަންކާ"ގެ ނަމުގައި ހިންގާ އެކައުންޓެކެވެ. މި އެކައުންޓް ބޭނުންކުރަން ފަށާފައި ވަނީ އޮގަސްޓް 16، 2017ގަ އެވެ.

ނަޝީދު އާއި އެމްޑީޕީގެ އިސް އެތައް ބޭފުޅުންނެއް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގަ އެވެ.